ޗައިނާގައި ހުންނަ ސީބީސީ ނިއުސް ބިއުރޯ ބަންދުކޮށްފި
ޗައިނާގައި ހުންނަ ސީބީސީ ނިއުސް ބިއުރޯ ބަންދުކޮށްފިއެވެ.
ކެނެޑިއަން ބްރޯޑްކާސްޓިން ކޯޕަރޭޝަނުން ބުދަ ދުވަހު ބުނީ ބެއިޖިންގައި ހުންނަ އެ ކުންފުނީގެ ނިއުސް ބިއުރޯ ބަންދުކުރަނީ އެ ކުންފުނީގެ ނޫސްވެރިންނަށް ޗައިނާގެ ވޯކް ޕާމިޓެއް ލިބޭނެ ކަމަށް ދެ އަހަރު ވަންދެން އިންތިޒާރު ކުރުމަށް ފަހު ކަމަށެވެ.
ސީބީސީ ނިއުސްގެ އެޑިޓާ އިން ޗީފް ބްރޯޑީ ފެންލޮން ކުރެއްވި ބްލޮގް ޕޯސްޓެއްގައި ވިދާޅުވީ، ޕަބްލިކް އޯންޑް ނިއުސް އައުޓްލެޓުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ކެނެޑާގައި ތިބި ޗައިނާގެ އޮފިޝަލުންނާ ވިސާއާ ބެހޭ ގޮތުން އެތައް މުއާމަލާތެއް ކުރި ކަމަށާއި ނަމަވެސް ހައްލެއް ލިބިފައި ނުވާ ކަމަށެވެ.
މިދިޔަ އޭޕްރީލް މަހު ޗައިނާއިން ކެނެޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަށް ފޮނުވި ސިޓީ ބަލައިގަނެފައިވީ ނަމަވެސް ޖަވާބު ލިބިފައި ނުވާ ކަމަށް ފެންލޮން ވިދާޅުވިއެވެ.
މިކަމުގައި އޮޓާވާގައި ހުންނަ ޗައިނާ އެމްބަސީން ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
މިގޮތަށް ނިންމާފައި މިވަނީ 40 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ރަޝިއާގައި ހިންގަމުން އައި މޮސްކޯ ބިއުރޯ ރަޝިއާގެ ޚާރިޖީ ވުޒާރާއިން ބަންދުކުރަން މަޖުބޫރުކޮށްފައި ވަނިކޮށެވެ.
"ޑްރާމެޓިކް ކޮށް ބޭރުކޮށްލުމެއް ނުވަތަ އިޝާރާތްކޮށްފައިވާ ޕަބްލިކް ސްޓޭޓްމަންޓެއް ނުފެނުނު ނަމަވެސް އޭގެ އަސަރު ހުރީ ހަމަ އެގޮތަށް. ދާއިމީ ކޮރެސްޕޮންޑެންޓުންގެ ގޮތުގައި އެތަނުގައި މަސައްކަތް ކުރަން ނޫސްވެރިންނަށް ވިސާ އެއް ނުލިބޭނެ،" ފެންލޮން ވިދާޅުވިއެވެ.