މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އެހެން ޕާޓީތަކުގެ ތިބޭ މެންބަރުން ''ވަގަށް ނަގާ'' ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ އޮކްޓޫބަރުމަހުގެ 30 ވަނަ ދުވަހު ކުރި އިއުލާނެެއްގައިވަނީ މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ބައެއް ޕާޓީތަކުން ފޯމް ހުށަހަޅާފައިވާތީ އެ ފޯމުތަކަކީ ސައްޚަ ފޯމުތަކެއްތޯ ކަށަވަރު ކުރުމަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށެވެ.
އީސީން ބުނި ގޮތުގައި މެންބަރުންގެ ގޮތުގައި ދަފްތަރު ކުރުމަށް ޖުމްހޫރީ ޕާޓީން 298 ފޯމާއި, މޯލްޑިވްސް ނެޝަނަލް ޕާޓީން 230 ފޯމާއި, މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިން 1129 ފޯމާއި, މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ 75 ފޯމު ވަނީ ހުށަހަޅައިފައެވެ.
އެ ފޯމުތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވާއިރު, ''ދެން'' އަށް މަޢުލޫމާތު ހިއްސާކުރި ބައެއް މީހުން ބުނެފައިވަނީ އެ މީހުންނަށް ނޭނގި އެމްޑީއޭއަށް ވައްދަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި އެ ޕާޓީއަށް ވަންނަން ފޯމު ފުރާފައިނުވާނެ ކަމަށެވެ.
''އިލެކްޝަން ކޮމިޝަނުން މެސެޖެއް ކުރުމުން މިކަން މި ފާހަގަވީ. އީސީން ޢާންމުކުރި ލިސްޓު ބަލައިލިއިރު އަޅުގަނޑުގެ ނަން ވެސް އެބައޮތް ސަން ސިޔާމް ޕާޓީގައި [އެމްޑީއޭ] ރަޖިސްޓްރީ ކުރަން ހުށަހަޅާފަ. މިއީ ވަރަށް ދެރަ ވަރަށް ހިތާާމަހުރި ކަމެއް. މިކަމަށް ހައްލެއް ލިބެންޖެހޭ.'' ކަންބޮޑުވުން ފާޅުކުރަމުން މީހަކު ކިޔައިދިނެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީކަމަށްވާ ޕީޕީއެމްގެ އެތައް ހާސް މެންބަރުންނަށް ނޭނގި އެހެން ޕާޓީތަކަށް ބަދަލުކޮށްފައިވާކަމަށް ދާދިފަހުން އެ ޕާޓީން ވެސް ވަނީ ތުހުމަތުކޮށްފައެވެ.
މިދިޔަ ސެޕްޓެމްބަރުމަހުގައި ޕީޕީއެމްއިން އީސީގެ އިސް ފަރާތްތަކާއެކުގައި ބޭއްވި ބައްދަލުވުމަށްފަހު ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ ބައެއް ޕާޓީތަކުން 3000 މެންބަރުން ހަމަކޮށްފައިވަނީ ޕީޕީއެމްއިން މެންބަރުން ވަގަށް ނަގައިގެން ކަމަށެވެ.
އޭގެފަހުން މަޖިލީހުގެ ޖަލްސާއެއްގައި ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވި ގޮތުގައި އެމްއެންޕީ ކަހަލަ ކުދި ޕާޓީތަކުން ވަނީ ޕީޕީއެމްގެ މެންބަރުންތައް ވަގަށް ''ކަހާލައިފަ'' އެވެ.