މެންބަރުން ބްލެކްމެއިލް ކުރައްވައިގެން ރައީސް ޞާލިޙް ވެރިކަމެއް ނުކުރައްވާނެ: ސަރުކާރު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަކީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބިރުދައްކަވައި ބްލެކްމެއިލް ކުރައްވައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއްކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަަސަން ލަޠީފް ކުރެއްވި ތުހުމަތުތައް ސަރުކާރުން ދޮގުކުރައްވައިފިއެވެ.
ކްލަބުހައުސްގައި ވާހަކަ ދައްކަވަމުން ޙަަސަން ލަޠީފް ވިދާޅުވީ ދިގު ތިރީސް އަހަރުގައި ރައީސުލްޖުމްހޫރިއްޔާގެ މޭޒުކޮޅުގެ ވާތް ފަރާތުގެ ވަތް ގަނޑުގައި އަބަދުވެސް ފައިލްކޮޅުތަކެއް ހުންނަ ވާހަކަ އަޑުއައްސަވާ ކަމަށާއި, އެއީ ވަޒީރު ބޭފުޅުންނާއި މަޖިލީހުގެ މެންބަރުންނާ މި ބޭބޭފުޅުންގެ ފައިލްކޮޅުތަކެއް ކަމަށެވެ. އަދި އެ ފައިލްކޮޅުތައް މެދު ވަތްގަނޑުގައި ހުންނަހާ ދުވަހަކު އެއިން ވަޒީރަކަށް ނުވަތަ އެއިން މަޖިލިސް މެންބަރަކަށް ހަމަ ހިލާ ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތެއް ނޫން ގޮތެއް ނުހެއްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
''އެކި ކަންކަމުގަ އެކި މެންބަރުން އަޅުވާފައި ބައިތިއްބައިގެން ވެރިކަން ކުރުން މިއީ ވަރަށް ޚުދުމުޚުތާރު.. މީ ވަރަށް ރީތިކޮށް ބޭރުފުށަށް ދައްކާ, އެހެން ނަމަވެސް ވަރަށް ޚުދުމުޚުތާރުކޮށް ބިރުދައްކައިގެން, ބްލެކްމެއިލްކޮށްގެން ކުރާ ވެރިކަމެއް އިނގޭތޯ. ބައެއް ބޭބޭފުޅުންގެ ފާޑުފާޑުގެ ފޮޓޯ, ވީޑިއޯ މި އެއްޗެހި ހުންނާނެ ފުލުސް އޮފީހުގަ. ފުލުސް އޮފީހުގަ އެ ފޮޓޯގަނޑު އޮތްހާ ދުވަހަކު އެ މެންބަރުން ތިއްބަވާނެ ރައީސުލްޖުމްހޫރިއްޔާ ތަޅުވާ ގޮތަކަށް އެކަން ކޮށްދޭން އިނގޭތޯ.''
''ދެން'' އިން ކުރި ސުވާލަކާ ގުޅިގެން ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވީ ރައީސް ޞާލިޙް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ވާހަކަތައް ދައްކަވަނީ ސިޔާސީ ޖަޒުބާތުގައި ޖެހިވަޑައިގެން ކަމަށެވެ.
'ހަމަ ޙަޤީޤަތާ ޚިލާފު ކަނޑައެޅިގެން ދޮގު ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ އެފަދަ ކަމެއް ނުކުރައްވާނެ. ސިޔާސީ ޖަޒުބާތުގައި ދައްކަވާ ވާހަކަތައް އެއީ. އެ ވިދާޅުވާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ އެފަދަ ކަމެއް ނުކުރައްވާނެކަން.'' މިއުވާން ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅުން ފަހަކަށް އައިސް ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ފާޑުކިޔުންތައް އިތުރުވެފައިވަނީ ޗާގޯސް މައްސަލައިގައި މި ސަރުކާރުން ގިނަ ކަންތައްތައް ސިއްރުކުރާ ކަމުގެ ތުހުމަތާ ގުޅިގެންނެވެ. އެ ގޮތުން ފާޑުވިދާޅުވާ މެންބަރުން ވަނީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ޤަބޫލުކުރާކަން ބަޔާން ކުރައްވައި 22 އޮގަސްޓު 2022 ވަނަ ދުވަހު އެ ޤައުމުގެ ބޮޑުވަޒީރަށް ރައީސް ޞާލިޙް ފޮނުއްވާފައިވާ ސިޓީފުޅު ހާމަކުރެއްވުމަށް ވެސް ގޮވައިލައްވާފައެވެ.