ޚަބަރު ރައްޔިތުންގެ މަޖިލިސް ޝަރުޢީ ދާއިރާ

މެޖިސްޓްރޭޓް ނިޝާރު ފަނޑިޔާރުކަމުން ވަކިކުރުމުގެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ބ.ގޮއިދޫ ކޯޓުގެ މެޖިސްޓްރޭޓް އަޙްމަދު ނިޝާރު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް މިއަދު ފޮނުއްވައިިފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ އަމީންއާންމު ވަނީ ޖޭއެސްސީން ފޮނުވި ސިޓީ އިއްވަވައިފައެވެ. ސިޓީ އިއްވައި ނިމުމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވަނީ އެ މައްސަލަ ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައިވާކަމަށް ވިދާޅުވެފައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ)ން ފޮނުވި މައްސަލައިގައި ވިދާޅުވެފައިވާ ގޮތުން ފުޅަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު ދަޢުވާއެއްގައި ދަޢުވާ ލިބުނު ފަރާތާއެކު އޮތް ވިޔަފާރި މަސްލަހަތެއްގެ ސަބަބުން އެ ޤަޟިއްޔާ ބެލުމުން މެޖިސްޓްރޭޓް ނިޝާރު ތަނާޒުލުވިއެވެ. އަދި ޤަޟިއްޔާ ބެލުމަށް އެހެން މެޖިސްޓްރޭޓަކު އައްޔަން ކުރެވިފައިވަނިކޮށް މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އެ ޤަޟިއްޔާ ބެލުމާ އަލުން ޙަވާލުވެފައިވަނީ ކަނޑައެޅިފައިވާ އިޖުރާޢަތާ ކަނޑައެޅިގެން ޚިލާފަށްކަމަށް ޖޭއެސްސީން ފޮނުއްވި މައްސަލައިގައިވެއެވެ.

ޖޭއެސްސީން ވިދާޅުވީ ފަހުން އެ ޤަޟިއްޔާ ބެލުމާ މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް ހަވާލުވެ ޝަރީއަތް ހިންގާފައިވަނީ ކުރިން ތަނާޒުލުވި ސަބަބު ހަމަ އެ ގޮތުގައި ދެމިއޮއްވާ ކަމަަށާއި މިއީ ވެސް ތަނާޒުލުވުމާ ގުޅޭ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށެވެ. އަދި ފަހުން އެ ޤަޟިއްޔާއާ ހަވާލުވެ ޝަރީޢަތް ހިންގަމުންދިޔަ ގޮތުންނާއި މި މައްސަލާގައި ހިނގާފައި އެހެން ކަންކަމަށް ބަލާއިރު މަސްލަހަތު ފުށުއަރާ ސަބަބެއް އޮވެގެން އެ ޤަޟިއްޔާ ބެލުމުން ތަނާޒުލުވުމަށްފަހު މެޖިސްޓްރޭޓް ނިޝާރު އަމިއްލައަށް އަލުން އެ ޤަޟިއްޔާ ބެލުމާ ހަވާލުވެ, އެ ޤަޟިއްޔާ ހިންގާފައިވަނީ މެޖިސްޓްރޭޓް ނިޝާރާއި އެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތާ ދެމެދު އޮތް ވިޔަފާރީގެ މަސްލަހަތަކާ ގުޅިގެން ނިޝާރުގެ މަގާމުގެ ހައިސިއްޔަތާއި ޒިންމާ ނަހަމަގޮތުގައި ބޭނުންކޮށް ނާޖާއިޒް މަންފާއެއް ހޯދުމުގެ ގަސްތުގައިކަން ސާބިތުވާ ކަމަށް ވެސް ޖޭއެސްސީން ފާހަގަކުރެއްވިއެވެ.

މެޖިސްޓްރޭޓް ނިޝާރުގެ އެ ޢަމަލުތަކަކީ ފަނޑިޔާރުންގެ ޤާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލުތަކެއް ކަމަށް ވެސް ޖޭއެސްސީން ވަނީ ވިދާޅުވެފައެެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!