ދުނިޔެ

ކޮޕް27 ގައި ޝީ އަދި ބައިޑަން ބައިވެރިވެ ވަޑައި ނުގަންނަވާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އ.ދ.ގެ މޫސުމީ ބަދަލުތަކާ ބެހޭ މަހާސިންތާ ނުވަތަ 27ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް27)ގެ ބައްދަލުވުން މިޞްރުގެ ރިސޯޓު ރަށެއް ކަމުގައިވާ ޝަރްމުއްޝައިޚްގައި ފެށިއްޖެއެވެ.

Ads by WAMCO

މިއީ، ބައިނަލްއަޤުވާމީ މައިދާނުގައި ބާއްވާ މޫސުމީ ބަދަލުތަކާ ގުޅޭ އެންމެ ބޮޑު މަހާސިންތާއެވެ. މި މަހާސިންތާގެ އެންމެ މަތީ ފަންތީގެ ބައްދަލުވުންތަކާއި މަޝްވަރާތަކުގައި 120 ޤައުމެއްގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ނަމަވެސް، ދުނިޔޭގެ އެންމެ ބޮޑު ދެ އިޤުތިޞާދު ކަމުގައިވާ އެމެރިކާއާއި ޗައިނާގެ ރައީސުން މި ބައްދަލުވުމަށް ދެއްވާ އަހަންމިއްޔަތު ކަން ކުޑައެވެ. އެ ދެ ޤައުމަކީ ޖައްވަށް އެންމެ ގިނައިން ވިހަ ގޭސްތައް ބޭރު ކުރާ ދެ ޤައުމެވެ.

ސިނާޢީ ތަރައްޤީގެ ނަމުގައި އެ ދެ ޤައުމުން ޖައްވަށް ބޭރުކޮށްފައިވާ ވިހަ ގޭސްތަކާ އެކު ދެ ޤައުމުގެ އިޤްތިޞާދު ވަނީ އެތައް ގުނައަކަށް ކުރިއަރާފައެވެ. ނަމަވެސް، އެ ކަމުގެ ބުރައާއި ނުރައްކާތެރިކަމާ ކުރިމަތިލާން ޖެހިފައި ވަނީ ކުދި އަދި ފަގީރު ޤައުމުތަކާއި ބިންތިރި ޤައުމުތަކެވެ. ފާއިތުވި މަދު މަސްތަކުގެ ތަފާސްހިސާބުތަކަށް ބަލައިލި ނަމަވެސް، ފެނިގެން ދަނީ މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވި ކާރިސާތަކުގައި ގެއްލިގެން ދިޔަ އެތަކެއް ހާސް ފުރާނައެއްގެ އަދަދުތަކެވެ.

މޫސުމީ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިލާން ޖެހިފައިވާ ތޫފާންތަކާއި ޤުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަން ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. ފާއިތުވި މަދު މަސްތަކުގެ ތެރޭގައި ވެސް މޫސުމީ ކާރިސާތަކުގައި އެތަކެއް މިލިޔަން ބަޔަކަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރުން ނުކުންނަން ޖެހިފައެވެ. އަދި، ފަގީރު އެތަކެއް ޤައުމަކަށް ވަނީ ބިލިޔަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!