އިނގިރޭސި މިނިސްޓަރަކު ޓައިވާނަށް؛ ޗައިނާގެ ނުރުހުން
ވިޔަފާރީގެ މަޝްވަރާތަކަށް އިނގިރޭސި ވިލާތުގެ ވަޒީރަކު މި ހަފުތާގައި ޓައިވާނަށް ވަޑައިގެން ރައީސް ސައި އިންގް-ވެންއާ ބައްދަލު ކުރައްވާނެ ކަމަށް އޭނާގެ އޮފީހުން ބުނެފިއެވެ.
ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނަކީ އެގައުމުގެ އަމިއްލަ ސަރަހައްދެއްގެ ގޮތުގައި ޗައިނާއިން ދެކޭ އިރު، ޓައިޕޭ އާއި ބޭރުގެ ސަރުކާރުތަކުގެ މެދުގައި ރަސްމީ ކޮށް އެއްވެސް މުއާމަލާތެއް ބޭއްވުމަކީ ޓައިވާނަށް ޗައިނާއާ ވަކިވުމަށް އޮތް ތާއީދު ދައްކުވައިދޭ ކަމެއް ކަމަށް ގަބޫލުކޮށް އެކަމާ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދައެވެ.
އިނގިރޭސިވިލާތުގެ ޑިޕާޓްމަންޓް ފޮރ އިންޓަރނޭޝަނަލް ޓްރޭޑުން ބުނީ، ޓްރޭޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ޕާލަމެންޓުގެ މެމްބަރެއްގެ ގޮތުގައި ވެސް ހުންނެވި ގްރެގް ހޭންޑްސް، ސައިއާ ބައްދަލުކުރައްވައި، 25 ވަނަ ޔޫކޭ-ޓައިވާން ޓްރޭޑް ޓޯކްސް ކޯ-ހޯސްޓް ކުރައްވާނެ ކަމަށެވެ. މިނިސްޓަރުގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ ދަތުރުފުޅެކެވެ.
"އަމިއްލަފުޅަށް ޓައިވާނަށް ޒިޔާރަތް ކުރުމަކީ އިނގިރޭސިވިލާތާއި ޓައިވާނުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް އިނގިރޭސިވިލާތުން ވައުދުވެފައިވާކަމުގެ ވަރަށް ސާފު ސިގްނަލެއް. އިނގިރޭސިވިލާތް ފަދައިން ޓައިވާނަކީ ވެސް އުސޫލެއްގެ މައްޗަށް ބިނާވެފައިވާ ދުނިޔޭގެ ވިޔަފާރީގެ ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ މިނިވަން އިންސާފުވެރި ވިޔަފާރީގެ ޗެމްޕިއަނެއް،" އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ޒާއޯ ލިޖިއާން ބެއިޖިންގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޗައިނާއާއެކު އެކު ސިޔާސީ ގުޅުން އޮންނަ ގައުމަކާއި ޓައިވާނާ ދެމެދު ރަސްމީ ގޮތުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގުމަކީ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމެއް ކަމަށެވެ.
އަދި ޓައިވާނާ އެކު ރަސްމީ ގޮތުން އެއްވެސް ބާވަތެއްގެ މުއާމަލާތެއް ކުރުން ހުއްޓާލައި، ޓައިވާނުން ވަކިވެގަތުމަށް ކުރާ މަސައްކަތަށް ބާރުދޭ ކަމުގެ ސިގްނަލްތައް ދިނުން ހުއްޓާލުމަށް އިނގިރޭސިންގެ ފަރާތުން އިލްތިމާސް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.