މާލޭގައި އިންދާފައިވާ ކަދުރު ރުއްތަކުގެ ޕިޓްތަކުގައި ޑިޖިޓަލް ބޯޑު ހަރުކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭގެ ވަށައިގެން އިންދާފައިވާ ކަދުރު ރުއްތަކުގެ ބުޑުގައި ރާނާފައިވާ ޕިޓްތަކުގައި، އަމިއްލަ ހަރަދުގައި ޑިޖިޓަލް ބޯޑު ޚަރުކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.
މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ މާލޭ ސިޓީ ޑިޖިޓަލައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން މާލޭސިޓީގެ މާލޭގެ ވަށައިގެން އިންދާފައިވާ ކަދުރު ރުކުގެ ބުޑުގައި ރާނާފައިވާ ބައިގައި، އަމިއްލަ ޚަރަދުގައި ޑިޖިޓަލް ބޯޑު ހަރުކޮށް، ސަރވިސްކޮށް މެއިންޓެއިން ކުރުމާއިއެކު މެނޭޖްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް 10 ނޮވެންބަރު 2022 ވަނަ ދުވަހު އަދި އަގުހުށަހެޅުއްވުމަށް 15 ނޮވެންބަރު 2022 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބިޑް ހުށަހެޅުމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.
މާލޭގެ ރިންގ ރޯޑުގައި އިންދާފައިހުރި ރުއްތަކުގެ ޕިޓް ތަކުގައި ޑިޖިޓަލް ބޯޑުތައް ހަރުކުރުމަށްފަހު އޭގެން އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށްފަހު މިކަން ކުރަންވީ ގޮތުގެ އުސޫލު ލިޔެވި ކައުންސިލުން އެންޑޯޒް ކުރުމަށްފަހު ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައިވަނީ ފާސްކޮށްފައެވެ.