ދުނިޔެ

ޗައިނާގެ ކޮވިޑް-19 ހާލަތު ގޯސް؛ އެއް ދުވަހުން 5،600 މީހުން ފައްސިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގައި ކޮވިޑް-19 ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށައިފިއެވެ. ނޮވެންބަރު 7ވަނަ ދުވަހު އެ ޤައުމައި 5,600 އަށްވުރެ ގިނަ މީހުން ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ދެކުނުގައިވާ ގުއަންޑޮންގް ޕުރޮވިންސުގެ ރައްޔިތުންނެވެ.

Ads by Sosun Fihaara

އެ ޕުރޮވިންސުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން މި ވަގުތު ވަނީ ބަލި ޖެހިފައެވެ. މީގެ އިތުރުން ވެރިރަށް ބެއިޖިންގްގައި ވެސް ބަލީގެ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ނޮވެންބަރު 7ވަނަ ދުވަހު ބެއިޖިންގްއިން ބަލި ޖެހިފައިވާ 60 މީހުން ވަނީ ފެނިފައެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން ގެންގުޅޭ "ޒީރޯ ކޮވިޑް" ސިޔާސަތު ދަށުން، ބަލި ޖެހިފައިވާ މީހަކު ފެންނަ ރަށެއް ވަގުތުން ފުރަބަންދު ކުރެއެވެ. އަދި، ބަލި ޖެހުނު މީހާއާއި އެއްތަންވި މީހުން ކަރަންޓީނު ކުރުމަށް ފަހު އެ ރަށެއްގެ ނުވަތަ ސަރަޙައްދެއްގެ ހުރިހާ ރައްޔިތުން ކޮވިޑް ޓެސްޓު ހަދަން މަޖުބޫރު ކުރުވައެވެ. މި ސިޔާސަތުގެ ދަށުން ގުއަންޑޮންގް ޕުރޮވިންސުގެ އިތުރުން ބެއިޖިންގްގެ ބައެއް ސަރަޙައްދުތައް ވެސް އަނެއްކާ މި ވަނީ ފުރަބަންދު ކޮށްފައެވެ.

ނަމަވެސް، މިއީ އެންމެ ކާމިޔާބު ސިޔާސަތެއްގެ ގޮތުގައި ބޭރު ދުނިޔެއިން ޤަބޫލެއް ނުކުރެއެވެ. މި ފަދަ ފުރަބަންދުތަކާ ގުޅިގެން ޢާންމުންނާއި ކުންފުނިތަކުގެ ޝަކުވާތައް ވަނީ އިތުރުވާން ފަށާފައެވެ. އަދި، އިޤްތިޞާދީ ގޮތުން ލިބެމުންދާ ގެއްލުންތައް ދަނީ އިތުރު ވަމުންނެވެ.

ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކީ ފުރަބަންދު ކުރުމުން ކާބޯތަކެތި ހޯދުމަށް ދަތިވުމާއި، އެމަރޖެންސީ ޞިއްޙީ ފަރުވާ ހޯދުމަށް ހުރި ހުރަސްތަކެވެ. މި ކަމާ ގުޅިގެން ސަރުކާރުގެ "ޒީރޯ ކޮވިޑް" ސިޔާސަތަށް އޮތް އިތުބާރު ވަނީ ގެއްލެން ފަށާފައެވެ.

ފުރަބަންދުތަކުގެ ނޭދެވޭ އަސަރު ދެން އެންމެ ބޮޑަށް ކުރަނީ ވިޔަފާރިތަކަށެވެ. ޚާއްޞަކޮށް، ޗައިނާގައި މުދާ އުފައްދާ ކުންފުނިތަކަށެވެ. މޮބައިލް ޓެކްނޮލޮޖީގެ ދާއިރާގައި ހަރަކާތްތެރިވާ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމުގައިވާ އެޕަލްއިން ދާދި ފަހުން ވަނީ ޗައިނާގެ ސިޔާސަތުތަކާ ގުޅިގެން އެ ކުންފުންޏަށް ގެއްލުންވާ ކަން ހާމަކޮށްފައެވެ. އަދި، ކުންފުނީގެ އުފެއްދުންތެރި ކަމަށް ލަސްތަކެއް ކުރިމަތިވެފައިވާ ކަމުގައި އެ ކުންފުނިން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!