ދުނިޔެ

ވައި ސާފުވުމުން ދިއްލީގެ ސްކޫލުތައް އަލުން ހުޅުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖައްވު ތަޣައްޔަރުވެ ވައި މާބޮޑަށް ނުސާފުވުމުގެ ސަބަބުން ބަންދުކޮށްފައިވާ، އިންޑިޔާގެ ވެރިރަށް ދިއްލީގެ ޕްރައިމަރީ ސްކޫލްތައް ނޮވެމްބަރ 9 ވާ ބުދަ ދުވަހުން ފެށިގެން ހުޅުވޭނެކަން ނިއު ދިއްލީގެ އެންވަޔަންމަންޓް މިނިސްޓަރ ގޯޕާލް ރާއީ އިއުލާން ކުރައްވައިފިއެވެ. ސްކޫލްތައް އަލުން މި ހުޅުވަނީ އެސަރަހައްދުގެ ވައި ބަދަލުވެ، ޖައްވު ސާފުވާން ފެށުމުންނެވެ.

Ads by WAMCO

ޗީފް މިނިސްޓަރ އަރުވިންދު ކެޖްރިވާލްގެ އެންގެވުމަކަށް މިދިޔަ ހަފްތާގައި ސްކޫލްތައް ވަގުތީގޮތުން ބަންދު ކުރެވުނީ، ވައި ނުސާފުވެ ދުން ބޯވުމުގެ ސަބަބުން ކުދިންނަށް އެކި އެކި ސިއްހީ މައްސަލަތައް ދިމާވަމުން ދާތީއެވެ. ސްކޫލްތައް ބަންދުކުރުމާއެކު ވަނީ، ހާމަ ތަންތަނުގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްވެސް ހުއްޓުވާފައެވެ. މީގެ އިތުރުން މަގުތަކުގައި ބޮޑެތި ޓްރަކްތަކާއި ހެވީ ވެހިކަލްތައް ދުއްވުންވެސް އޮތީ މަނާކޮށްފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރ ރާއީ ވިދާޅުވީ، ފާއިތުވި ހަފުތާއެއްހާދުވަހު ދިއްލީގެ ވައިގެ ޕޮލިއުޝަން ލެވެލް 450ށްވުރެ މައްޗަށް ގޮސްފައިވާ ކަމަށެވެ. މިއާއެކު އެއަރ ކޮލިޓީ މެނޭޖްމަންޓް ކޮމިޝަނުން ވަނީ ފިޔަވަޅުތައް އަޅާފައިކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު އޮފީސްތަކުގެވެސް ދެބައިކުޅަ އެއްބައި މުވައްޒަފުން މަސައްކަތްކުރަމުން އައީ ގޭގައެވެ.

މިނިސްޓަރުން ހާމަކުރެއްވިގޮތުގައި އާދީއްތަ ދުވަހުން ފެށިގެން ވައި ސާފުވާން ފަށައި، މިހާރު ވައިގެ ސާފުމިން ހުރީ 350ގައެވެ. އެހެންކަމުން ހޯމަ ދުވަހުން ފެށިގެން އޮފީސްތަކަށްވެސް ހުރިހާ މުވައްޒަފުން ނުކުންނާނެކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!