ޔުވެންޓަސްގެ ކޯޗު ކަމުން ސާރީ ވަކިކޮށްފި

ޗެމްޕިއަންސްލީގުން ޔުވެންޓަސް ކެޓުމާއި ގުޅިގެން އެޓީމުގެ ކޯޗު މައުޒީރީ ސާރީ މަޤާމުން ވަކިކޮށްފިއެވެ.
މީޑިއާތައް ބުނެފައިވާ ގޮތުގައި ޔުވެންޓަސްއިން ފަހަކަށް އައިސް ނެރެމުން އަންނަ ދަށް ނަތީޖާގެ ސަބަބުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ، ޗެމްޕިއަންސް ލީގުގައި އެޓީމަށް ދިމާވި ނާކާމިޔާބީއާއި ގުޅިގެން ޔުވެންޓަސްގެ ބޯޑު ބައްދަލުވުމެއް މިއަދު ވަނީ ބާއްވާފައެވެ. އަދި ސާރީއާއެކު ޔުވެންޓަސްއިން ކަނޑައެޅި ޓާގެޓްތައް ޙާޞިލް ނުވުމާއެކު ބޯޑުން ވަނީ އޭނާ މަޤާމުން ވަކިކޮށްފައެވެ.
ސާރީ ޔުވެންޓަސްގެ ކޯޗުކަމާއި ޙަވާލުވީ މިދިޔަ އަހަރުގެ ޖޫންގައެވެ. މިއަހަރުގެ ޗެމްޕިއަންސް ލީގުން އެ ޓީމު ކެޓި ނަމަވެސް މިދިޔަ އަހަރު ކުއާޓާ ފައިނަލަށް ޔުވެންޓަސް ދަތުރުކުރިއެވެ.
މިއަހަރުގެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓީ ގަދަ 16 ގައި ރޭ އެޓީމުން ކުޅުނު މެޗުގައި ލިއޯން އަތުން މޮޅުވި ނަމަވެސް އެގްރިގޭޓުން ކުރި ނުހޯދުމުންނެވެ. ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކެޓި ނަމަވެސް ސާރީގެ އިރުޝާދާއި އެކު ޔުވެންޓަސް ވަނީ މި ސީޒަނުގެ އިޓާލިއަން ކަޕް ކާމިޔާބު ކޮށްފައެވެ.