މެންޗެސްޓާ ޔުނައިޓެޑު ޗެމްޕިއަންސް ލީގުން ކަޓައިފި

އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި، މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.
ލީގުގެ ގްރޫޕް އެޗުގައި ޔުނައިޓެޑު އޮތް އިރު އެ ކްލަބުން މުބާރާތާ އަލްވަދާއު ކިޔާފައި ވަނީ ރޭ ކުޅުނު މެޗުގައި ޖަރުމަނުގެ ލައިޕްޒިގް އަތުން 2-3ގެ ނަތީޖާ އަކުން ބަލި ވުމާ ގުޅިގެންނެވެ.
ރޭގެ މެޗު ފެށިގެން ދެވަނަ މިނެޓުގައި ލައިޕްޒިގް އިން ލީޑު ނެގިއިރު އޭގެ 10 މިނެޓު ފަހުން އެ ކްލަބުން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި އެ ކްލަބުން ލީޑު ފުޅާ ކުރިއިރު، ޔުނައިޓެޑުގެ ދެ ގޯލު ފެނިގެން ގޮސްފައި ވަނީ މެޗުގެ 80 ވަނަ މިނެޓާއި 82 ވަނަ މިނެޓުގައެވެ.
ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީ އަކުން ބްރޫނޯ ފާނެންޑޭސް ކާމިޔާބު ކުރިއިރު ޔުނައިޓެޑުގެ ދެވަނަ ގޯލު އޭގެ ދެ މިނެޓު ފަހުން ޖަހައިދިނީ އެ ކްލަބު ދޫކޮށްލަން ނިންމާފައިވާ ޕައުލް ޕޮގްބާ އެވެ.
ޔުނައިޓެޑުން ގިނަ ވަގުތު ބޯޅަ ހިފާއްޓައިގެން ކުޅެ، ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މެޗުގެ ނަތީޖާ ވަނީ ބަދަލު ނުކުރެވިފައެވެ. ޔުނައިޓެޑު އޮތް ގްރޫޕުން މުބާރާތުގެ ދެވަނަ ބުރަށް ޕީއެސްޖީ އާއި ލައިޕްޒިގް މިހާރު ވަނީ ދަތުރު ކޮށްފައެވެ. ޔުނައިޓެޑު މުބާރާތާއި އަލްވަދާއު ކީ ތަވާލުގެ 3 ވަނާގައި އޮވެގެން ކުޅުނު 6 މެޗުގެ ތެރެއިން 3 މެޗުން މޮޅުވެ، 3 މެޗުން ބަލި ވެގެންނެވެ.