ނޭމާގެ ހެޓްރިކާއެކު ޕީއެސްޖީ އަށް ފަސޭހަ މޮޅެއް
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެޗްގެ ފަހު މެޗުގައި އިސްޓަންބުލް ބަސެކްޝިރް އާއި ޕީއެސްޖީ ރޭ ބައްދަލު ކުރި މެޗު ފަސޭހަ ކަމާ އެކު ޕީއެސްޖީ އިން ކާމިޔާބު ކޮށްފިއެވެ.
މެޗު އޮފިޝަލަކު ކުޅުންތެރިއަކާ ދޭތެރޭ ނަސްލީ ތަފާތު ކުރުންތައް ބެހެއްޓުމާ ގުޅިގެން މެޗު ސަސްޕެންޑު ކުރުމަށް ފަހުގައި ކުރީގެ މެޗު މެދުކަނޑާލި ހިސާބުން ފެށި މި މެޗުގައި ޕީއެސްޖީގެ ތަރި ނޭމާގެ ފަރާތުން ވަނީ ހެޓްރިކެއް ވެސް ފެނިގެން ގޮސްފައެވެ.
މެޗު ފެށިގެން 21 ވަނަ މިނެޓުގައި ނޭމާގެ ހިތްގައިމު ގޯލަކުން ޕީއެސްޖީ އަށް ލީޑު ލިބުނުއިރު، ދެވަނަ ހާފް ނިމުމުގެ ކުރިން އޭނާ ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އަށް ލިބުނު ޕެނަލްޓީ އަކުން ކިލިއަން އެމްބާޕޭ ވަނީ އެ ޓީމުގެ ލީޑު ފުޅާ ކޮށްދީފައެވެ.
ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ނޭމާގެ ތިންވަނަ ގޯލު ފެނިގެން ދިޔައިރު އޭގެ އިރުކޮޅެއް ފަހުން އެމްބާޕޭ ވެސް ވަނީ އިތުރު ގޯލެއް ޖަހާފައެވެ. އިސްޓަންބުލް ބަސެކްޝިރުގެ ހަމައެކަނި ލަނޑު 57 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މެހްމެތު ޓޯޕާލްއެވެ.
ރޭގެ މެޗުން ލިބުނު މޮޅާއެކު ޕީއެސްޖީ ވަނީ 12 ޕޮއިންޓާއި އެކު ގޯލުގެ ތަފާތުން ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގައި ގްރޫޕް ސްޓޭޖް މެޗުތައް ނިންމާލާފައެވެ. އިސްޓަންބުލް އިން 3 ޕޮއިންޓާއި އެކު ތާވަލުގެ ފުލުގައި އޮވެ މުބާރާތާއި އަލްވަދާއު ކީއިރު ދެން އެ ގްރޫޕުން ދެވަނަ ބުރަށް ގޮސްފައި ވަނީ ޖަރުމަނުގެ ލައިޕްޒިގްއެވެ. މެންޗެސްޓާ ޔުނައިޓެޑުވެސް ވަނީ 9 ޕޮޮއިންޓާ އެކު މުބާރާތާ އަލްވަދާއު ކިޔާފައެވެ.
ރޭގެ މެޗުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިންނާ ރެފްރީން ވަނީ ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް އެންމެން އާނބަސް ބުނާކަން ބަޔާން ކުރުމުގެ ގޮތުން އެއްބައިވަންތަކަމުގެ ސުކޫތެއްވެސް ގެނެސްފައިކަން ފާހަގަ ކޮށްލެވެއެވެ.