ދުނިޔެ

ޝީ އާއި ބައިޑަން ބައްދަލު ކުރައްވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އަންނަ ހަފުތާގައި އިންޑޮނީޝިއާގެ ބާލީގައި ބައްދަލު ކުރައްވާނެ އެވެ.

Ads by WAMCO

އެމެރިކާގެ އިސް އޮފިޝަލަކު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި ނޮމެވްބަރު 15 އިން 16 އަށް ބާލީގައި އޮންނަ ޖީ20 ސަމިޓްގެ ކުރިން ނޮވެމްބަރު 14 ގައި ބައިޑަން އާއި ޝީ ބައްދަލު ކުރައްވާނެއެވެ.

ދެ ލީޑަރުންގެ ބައްދަލުވުމުގައި މާބޮޑު އެއްބަސްވުންތަކެއް ނޯންނާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެހެންކަމުން ރަސްމީ ސިފައެއްގައިި ހާއްސަ ބަޔާނެއް ނުނެރޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ކަމަށް ވަޑައިގެންނެވި ފަހުން ޖޯ ބައިޑަން އާއި ޝީ، އަތާއި އަތް ޖޯޑުކޮށް ސާލާމެއް އަދި ނުކުރައްވައެވެ. އެހެންކަމުން މިއީ ދެ ބޭފުޅުންނަށް ބާރުގަދަ ދެ ގައުމެއްގެ ރައީސްގެ ހައިސިއްޔަތުން ވަރަށް މުހިންމު ބައްދަލުވުމަކަށް ވާނެއެވެ. އޮބާމާ ސަރުކާރުގައި ބައިޑަން ނައިބު ރައީސަކަށް ހުންނެވިއިރު، 2011 އާއި 2015 ގައި ވެސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވިއެވެ.

ދެ ރައީސުން ސީދާ ސީދާކޮށް އަދި ބައްދަލު ނުކުރެއްވި ނަމަވެސް ވީޑިއޯ މެދުވެރިކޮށް ބައްދަލުކުރައްވައި މުހިންމު މައުލޫތަކަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. އެމެރިކާ އާއި ޓައިވާންއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ޗައިނާ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ.

އެމެރިކާގެ ވިސްނުމުގައި އޮތީ އަސްކަރީ ގޮތުން ޓާއިވާން ބާރުގަދަކުރުވައި ބޭރުން އަތުވެދޭނަ ހަމަލާއަކުން ހިމާޔަތްކުރުވުމެވެ. އެހެން ނަމަވެސް ޗައިނާ ބުނާ ގޮތުން ޓައިވާން އަކީ މިނިވަން ދައުލަތެއް ނޫނެވެ. އެހެންކަމުން މިނިވަން ދައުލަތަކާ މަޝްވަރާކުރާ ގޮތަށް ޓައިވާންއާ މަޝްވަރާއެއް ނުކުރެވޭނެއެވެ.

ޓައިވާނަށް މިހާރު އޮތް ބިރަކީ ކޮންމެ ވަގުތެއްގައި ވެސް ޗައިނާ ސިފައިން އެ ގައުމަށް އަރާފާނެ ކަމަށް އޮތް ބިރެވެ. ޓައިވާން ހިފަން ޖެހިދާނެ ކަމަށް ޗައިނާ ކިތަންމެ ފަހަރަކު ވަނީ ބުނެފައެވެ.

ޓައިވާންއާ އެމެރިކާ މާ ގާތްކޮށް މުއާމަލާތްކުރާ ނަމަ އެ ތަނަށް ޗައިނާ ވަންނާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެނޫން ގޮތެއްގައި ޓައިވާންގެ އާންމުންނަށް ދަތިވާ ގޮތަށް އެއްވެސް އަމަލެއް ނުހިންގާނެ ކަމަށް ވެސް ޗައިނާ އޮތީ ބުނެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!