ދުނިޔެ

ޗައިނާގެ މައްސަލައިގައި ބައިޑަން މަޝްވަރާ ކުރައްވާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާގެ ރައީސްކަމާ ޖޯ ބައިޑަން ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާގެ ރައީސް ޝީ ޖިންގްޕިންގްއާ އެކު ބާއްވަވާ ފުރަތަމަ ބައްދަލުވުން އަންނަ ހަފްތާގައި އޮންނައިރު، އެޖެންޑާގެ އެންމެ ކުރީގައި އޮތީ ޓައިވާނު މައްސަލަކަން ހާމަވެއްޖެއެވެ.

Ads by WAMCO

ކައިރީގައިވާ ގައުމުތަކަށް ބިރު ދައްކަން މަސައްކަތް ކުރަމުންދާ ޗައިނާގެ އަސްކަރީ ކުރިއެރުން މަޑުޖެއްސުމަށް މިފަހުން އެމެރިކާ އިން ވަނީ ޗައިނާއަށް ކޮމްޕިއުޓަރު ޗިޕު ޓެކްނޮލޮޖީ ބޭރުކުރުން ވެސް މަނާކޮށްފައެވެ. އަދި އޭގެ ސަބަބުން، ކޮމްޕިއުޓަރު ޗިޕު ބޭނުންކޮށްގެން ގިނަ އުފެއްދުންތަކެއް ހަދަމުން އަންނަ ޗައިނާގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް ވަނީ އަރާފައެވެ.

އަންނަ ހަފްތާގައި އިންޑޮނީޝިއާގެ ބާލީގައި އޮންނަ ޖީ20 ސަމިޓުގެ ކުރިން ބައިޑަން އާއި ޝީ ބާއްވަވާ ބައްދަލުވުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކަކުން ވެސް ވަރަށް ގާތުން ބަލަމުން ގެންދާނެ އެވެ. މީގެ ތެރޭގައި އޭޝިއާ ސަރަހައްދުގައި އެމެރިކާގެ އެކުވެރި ޖަޕާނާއި އިންޑިއާގެ އިތުރުން އޮސްޓްރޭލިއާ ހިމެނޭނެއެވެ.

އެމެރިކާގެ އެހެން ރައީސުންނާ ހިލާފަށް ބައިޑަން ވަނީ ޗައިނާއިން ޓައިވާނާ ދެކޮޅަށް އުދުވާނެއް ފަށައިފި ނަމަ ޓައިވާނު ދިފާއު ކުރާނޭ ކަމަށް ވިދާޅުވެފައެވެ.

ޓައިވާނުގެ މައްޗަށް ބެއިޖިންގް އިން ކުރަމުންދާ ދައުވާއާ ދެކޮޅަށް ބޭރުގެ އެއްވެސް ފަރާތަކުން ތެދުވެއްޖެ ނަމަ "އެޅެން ހުރި ހުރިހާ ފިޔަވަޅެއް" އެޅުމުގެ އިހްތިޔާރު އޮތް ކަމަށް، މިދިޔަ މަހު ބެއިޖިންގްގައި އޮތް ކޮމިއުނިސްޓު ޕާޓީގެ ކޮންގްރެސްގައި، ޝީ ވަނީ ވިދާޅުވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!