ކާފިއުގެ ވަގުތު ބޭރުގައި އުޅުނު 79 މީހަކު ޖޫރިމަނާ ކޮށްފި
ކާފިއުގެ ވަގުތު ބޭރުގައި އުޅުނު 79 މީހަކު ޖޫރިމަނާ ކޮށްފިއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ރޭގަނޑު 10:00 އިން ފަތިހު 5:00 އާ ހަމައަށް ބޭރުގައި އުޅުނު 157 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށާއި އަދި 79 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ގޮސް، ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ބަޔަކު ބައްޔަށް ޕޮޒިޓިވްވަމުން ދިއުމާ ގުޅިގެން މާލެ ސަރަހައްދުގައި ރޭގަނޑު 10 އިން ފަތިހު 5 އަކަށް ކާފިއު އިއުލާނުކޮށްފައިވަނީ އިއްޔެއެވެ.
ނަޒްލާ އިތުރަށް ވިދާޅުވީ މާލޭ ސަރަޙައްދުގައި އާއްމުތަންތަނަށް ނުކުންނަށްއިރު މާސްކް އެޅުން މަޖުބޫރުކުރިފަހުން، އުޞޫލާ ޚިލާފުވެގެން މިހާތަނަށް 1356 މީހަކަށް ފުލުހުން ނަސޭހަތްތެރިވެފައިވާކަމަށެވެ. އަދި މާސްކް ނާޅާ އާއްމު ތަންތަނަށް ނުކުތް 278 ފަރާތެއް މިހާތަނަށް އައިއިރު ޖޫރިމަނާ ކޮށްފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.
މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުން ކޮވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވާ ރަށްރަށުގައި އާއްމު ތަންތަނަށް ނުކުމެ އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފައި ވީނަމަވެސް، ހުރިހާ ރަށެއްގައިވެސް ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޗްޕީއޭއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުން މިވަގުތު ވަރަށް މުހިއްމުކަން ޑރ. ނަޒްލާ ވަނީ ފާހަގަކުރައްވާފައެވެ.