ދެ އަތޮޅެއްގެ މަސްވެރިން ފައިސާ ނުލިބިގެން މުޒާހަރާ ކުރަން ފެށުމާއެކު، އަދިވެސް ޓެކްސް ދައްކަންވީ ދިވެހި ރައްޔިތުންތޯ، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސަޢީދު ސުވާލު ކުރައްވައިފިއެވެ.
ލ.މާންދޫ ފިޝަރީޒް ކޮންޕްލެކްސްއިން މަސްވެރިންނަށް ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާތީ، ލ. އަތޮޅާއި ތ. އަތޮޅުގެ މަސްވެރިން އެކަމާ ދެކޮޅަށް ލ.މާންދޫގައި ދަނީ އަޑު އުފުލަމުންނެވެ.
ސަޢީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައިސާ ނުލިބިގެން ލ އަތޮޅުގެ މަސްވެރިން ޝަކުވާ އުފުލަމުންދާތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
"ފައިސާ ނުލިބި، ތިން ހަތަރު މަސް! މި ވަގުތު ކައުންސިލުގެ ރައީސް އިބްރާހީމް ޝައްމޫން ހިމެނޭ ގޮތަށް މާންދޫގައި ފައިސާކޮޅު ހޯދަން ސަލާން ޖަހަނީ. އަދިވެސް ޖީބުން ޓެކްސް ދޭންވީ ރައްޔިތުން؟" ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ފިޝަރީޒް މިނިސްޓަރު ޑރ.ހުސައިން ހަސަން ޓެގް ކުރައްވައި، ސަޢީދު ވިދާޅުވިއެވެ.
މަސްވެރިން މިއަދު ކުރަމުން އަންނަ މުޒާހަރާއާ ގުޅިގެން ލ.އަތޮޅު ކައުންސިލުގެ ރައީސް އިސްމާޢީލް ޢަލީ ވިދާޅުވީ ދެ އަތޮޅުގެ މަސްވެރިން ލ. މާންދޫގައި ކުރަމުން ގެންދާ އިޙްތިޖާޖަށް އޭނާ ފުރިހަމައަށް ތާޢީދު ކުރައްވާ ކަމަށާއި، އެކަން ކުރަން ލަސްވެސް ވެއްޖެ ކަމަށެވެ.
"ތަނުގެ މަސްލަހަތު ނަގައިނުލައި، މާރާމާރީއަކަށް ނުގޮސް، މުދަލަށް ގެއްލުން ނުދީ، ސުލްހަވެރިކަމާއެކު އިޙްތިޖާޖު ކުރިއަށް ގެންދިޔުމަށް މަސްވެރިންނަށް ނަސޭހަތްތެރިވަން. މާންދޫގައި ހަރަކާތްތެރިވާ ހޮރައިޒަން ފިޝަރީޒުން މަސްވެރިންނާމެދު ޢަމަލު ކުރަނީ ހިތަށް އެރި ގޮތަކަށް."
އޭނާ ވިދާޅުވީ ހޮރައިޒަން ފިޝަރީޒުން މަހުގެ އަގު ހަދަނީ އެ މީހުން ބޭނުންވާ ގޮތަކަށް ކަމަށާއި، ޑީސަލް ތެޔޮ ވިއްކަނީ، "ވިއްކާނެ އަގެއް"ގައި ކަމަށެވެ.
"މަސް ކިރާނެ އެހެން ބަަޔަކު މި ޒޯނުގައި ހަރަކާތްތެރި ނުވުމަކީ މާންދޫ މަސްވެރިންނާމެދު ހިތުހުރި ގޮތަކަށް ކަން ކުރަންޖެހޭ ސަބަބެއް ނޫން." އޭނާ ވިދާޅުވިއެވެ.
ދައުލަތުގެ ވިޔަފާރި ކުންފުނިތަކުން ވެސް ވިޔަފާރި ކޮށްފައި ލިބޭ އާމްދަނީ ކުންފުނި ބޯޑުން ޖީބައްލައިގެން އަނެއްކާވެސް ދިމާކުރަނީ ދައުލަތުގެ ބަޖެޓްން ވެސް އެ ކުންފުނިތަކްށް ބަޔެއް ދިނުމަށް ޓެކުސް ޑަބަލް ކޮށް ރައްޔިތުން މިދެނީ !