ރިޕޯޓް

24 ދޯނިން 300 މަސްވެރިން މާންދޫ މުޒާހަރާގައި: 21 މިލިޔަން ނުލިބި އެބައޮތް

މުޙައްމަދު އަރީޙް ، ދެން އޮންލައިން
މިއަދު މާންދޫގައި ކުރި މުޒާހަރާގެ ތެރެއިން.. ދެން އިމޭޖްސް/އަޔާޒް

(ލ. މާންދޫ) ލ. މާންދޫގައި ހޮރައިޒޮން ފިޝަރީޒްއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ކުރަމުން އަންނަ އިޙްތިޖާޖްގައި 300އެއްހައި މަސްވެރިން ބައިވެރިވެއްޖެއެވެ.

Ads by MWSC

މާންދޫގައި އިޙްތިޖާޖް ކުރަމުން އަންނަ މީހުން ބުނެފައި ވަނީ އެ ފަރާތްތަކަށް ލިބެން ޖެހޭ ޖުމްލަ 21 މިލިޔަން ރުފިޔާ ނުލިބިވާ ކަމަށެވެ. އަދި އިތުރު ޝަކުވާތަކާ އެކު، މިއަދު ހެނދުނުން ފެށިގެން މާންދޫގައި މަސްވެރިން އަންނަނީ އިޙްތިޖާޖް ކުރަމުންނެވެ. މި އިޙްތިޖާޖުގައި ޖުމްލަ 24 ދޯނިން ވަނީ ބައިވެރިވެފައެވެ.

މާންދޫގެ ބަނދަރު މަތީގައި ހުރެ “ދެން”އަށް ދިން އިންޓަރވިއުއެއްގައި އިޙްތިޖާޖު ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ރާސްތާ ދޯނީގެ ކެޕްޓަން އަލީ ހާފިޒް ބުނީ, މާންދޫގައި މިހާރު ޤާއިމްވެގެން ތިބެ އެ ފަރާތްތަކުން ކުރަމުން އަންނަނީ މުޒާހަރާއެއް ނޫން ކަމަށާއި ސުލްޙަވެރި އިޙްތިޖާޖެއް ކަމަށެވެ. އަދި އިޙްތިޖާޖް ކުރަން ނިންމައިފައި ވަނީ, އެ ފަރާތްތަކުގެ ކަންބޮޑުވުންތައް, މާންދޫގައި މަސް ފެކްޓްރީ ހިންގަމުން އަންނަ ހޮރައިޒަން ފިޝަރީޒްއަށް ހުށަހަޅައި, އެތައް ދުވަހެއް ފަހުން ވެސް އެކަމަށް ހައްލު ނުލިބުމުން ކަމަށެވެ.

މަސްވެރިންގެ ޝަކުވާތައް ހިއްސާ ކުރަމުން އަލީ ހާފިޒް ބުނީ, މަސް ކިރުވުމަށް ފަހު އެންމެ ލަސްވެގެން ވެސް ހަފްތާއެއް ތެރޭގައި ކުރިން ފައިސާ ލިބޭ ކަމަށާއި, އެހެންނަމަވެސް މިހާރު 21 ދުވަސްވާއިރު ވެސް ފައިސާ ނުލިބޭ ކަމަށެވެ. މިކަމުގެ ސަބަބުން މަސްވެރިން އާއްމު ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސޭތީ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަލީ ހާފިޒް "ދެން"އަށް އިންޓަރވިއު ދެނީ.. ދެން އިމޭޖްސް/އަޔާޒް

ތ.އަތޮޅު އަދި ލ.އަތޮޅުގެ ގިނަ މަސްވެރިން ބައިވެރިވާ މި އިޙްތިޖާޖު މިއަދު ފަށައިފައި ވަނީ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މި އިހްތިޖާޖު 8އިން ފެށިގެން މިއަދު އިރުއޮއްސި 6އާ ހަމައަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މި އިޙްތިޖާޖު ކުރަމުން ދިޔަ ފަރާތްތަކުން ވަނީ މާންދޫގެ އޮޕަރޭޝަން ހުއްޓުވައި، ފައިސާ ލިބުމުން ނޫނީ އޮޕަރޭޝަން ނުފެށޭނެ ކަމަށް ބުނެފައެވެ. އަދި މާދަމާ ވެސް ހެނދުނު 8އިން ފެށިގެން އިޙްތިޖާޖު ކުރިޔަށްދާނެ ކަމަށް އެފަރާތަކުން ހާމަކުރެއެވެ. މުޒާހަރާގެ ބައިވެރިން މާންދޫގެ އޮފީސް ތެރެއަށް ވަދެ ނުދޭން މިއަދު އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވިއެވެ.

އިޙްތިޖާޖުގެ ބައިވެރިންގެ ދެވަނަ ކަންބޮޑުވުމަކީ މާންދޫއިން ވިއްކާ ތެޔޮ ލިމިޓް ކުރުމެވެ. އެ ފަރާތްތަކުން ބުނެފައި ވަނީ ލިމިޓްކޮށްގެން މާންދޫއިން ތެޔޮ ލިމިޓްކޮށްގެން ވިއްކާތާ މަސްދުވަސްވެފައިވާ ކަމަށާއި ދޯންޏަކަށް މިހާރު ވިއްކަމުން އަންނަނީ 800 ލީޓަރު - 700 ލީޓަރު ތެޔޮ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް ގިނަ ދޯނިތަކުން 1000 ލީޓަރު ތެޔޮ އަނދާއިރު، ދެ ދުވަހު މަހަށް ގޮސްލާނެ ތެޔޮ ނުލިބޭކަމަށެވެ.

ހާފިޒް އިތުރަށް ވިދާޅުވީ، މާންދޫއިން މަސްކިރުމަށް ފަހު ދޭން ޖެހޭ ފައިސާ ނުދިނުމުން އެހެން މީހުން އަތުން ތެލާއި އައިސް ގަތުމުުގައި ވެސް ދަތިތައް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ތަންތަނުން ކްރެޑިޓަށް ތެޔޮ ލިބޭނެ އެއްވެސް ގޮތެއް ނެތް. އަޅުގަނޑުމެންގެ ގިނަ ދޯނިފަހަރުތައް މިއަދު ވެސް ތެޔޮ ނުލިބިގެން މަސްވެރިކަމަށް ނިކުމެވޭނެ ގޮތް ނުވެފައި މި އޮތީ." އަލީ ހާފިޒް ބުނީ ތެޔޮ އެޅޭނެ އިތުރު މަގެއް ވެސް ނެތް ކަމަށެވެ.

"އަޅުގަނޑުމެން ތެޔޮ އަޅަން މި ޖެހެނީ ވެސް ރަށްރަށުން. ރަށްރަށުން ތެޔޮ އަޅަން ބަލާއިރުގައި މި ވިއްކަނީ ވެސް ވަރަށް އަގުބޮޑުކޮށް. އަދި ކްރެޓިޑަށް ވިއްކާ ވަރަށް ސްޓޯރޭޖްގައި ވެސް ތެޔޮ ނުހުރޭ"

އޭގެ އިތުރުން މާންދޫން ތެޔޮ ވިއްކަމުން ގެންދަނީ މިފްކޯއިން ވިއްކާ ތެލަށް ވުރެ ލީޓަރަކުން ތިން ރުފިޔާ ބޮޑުކޮށް ކަމަށާއި މިހެންކަމުން, މަހެއްގެ މައްޗަށް ލައްކައެއްހައި ރުފިޔާގެ ގެއްލުން ލިބެމުން އަންނަ ކަމަށް ބުންޏެވެ.

އަލީ ހާފިޒް ވަނީ އެ ފަރާތްތަކުގެ ޝަކުވާތައް އަޑު އެހުމަށް ސަރުކާރަށް މަސްވެރިންގެ ފަރާތުން ގޮވައިލައިފައެވެ. އަދި ޙައްޤުތައް ހޯދައިދިނުމުގައި މަސައްކަތް ކުރެއްވުމަށް ވެސް ވަނީ އެދިފައެވެ.

Ads by Ooredoo
  1. މަސްވެރިން ދަނޑުވެރިން ގެ އަޑު އަހަންޖެހޭ ްެްެްެްެއެމީހުނަށް އުޖޫރަ ލިބެންޖެހޭ ވިއްކާ އެއްޗެހީގެ އަގު ލިބެންޖެހޭ !