ސުޝާންތު އޯވަރޑޯޒްކޮށް އޭނައަކީ "މޮޔައެއް" ކަމަށް ރިއާ އަޑުފެތުރި!
ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު މަރުވިތާ ގާތްގަނޑަކަށް ދެ މަސް ވެފައިވާއިރު، އޭނާގެ މަރުގެ ތަހުގީގުން ކުރެވޭ ގިނަ ތުހުމަތުތަކެއް މިވަނީ ފެންމަތިވެފައެވެ.
އޭނާގެ މަރުވީ އަމިއްލައަށް ދަންޖެހިގެންކަން ޕޯސްޓްމޯޓަމް ރިޕޯޓުތަކުން ބުނެފައިވީ ނަމަވެސް، ސުޝާންތު ކަހަލަ ހިތްވަރުގަދަ، ޒުވާން އަދި މުސްތަޤުބަލަށް ފޮނި ހުވަފެންތަކެއް ދެކެމުންދިޔަ މީހަކު އެފަދަ ފިޔަވަޅެއް އަޅަން ޖެހުނު ސަބަބު ހޯދުމަށް އަދިވެސް ދަނީ ތަހުގީގު ކުރަމުންނެވެ.އެގޮތުން ގިނަ މީހުންގެ ނުރުހުމާއި ތުހުމަތުތައް އެންމެ ބޮޑަށް އުފުލުފައިވަނީ ސުޝާންތުގެ ލޯބިވެރިޔާ ކަމަށް ބުނާ ރިއާ ޗަކްރަބޯޓީ އަށެވެ.
މިތަހުގީގުތަކުގެ އެންމެ އަދާހަމައަށް ބަލާލާއިރު ބިހާރް ސަރުކާރުން އިންޑިއާގެ ސުޕްރީމް ކޯޓަށް ފޮނުވި އެފިޑެވިޓެއްގައި ބުނެފައިވަނީ ސުޝާންތު މަރުވުމުގައި ރިއާގެ އަތެއްވާ ކަމަށް ޤަބޫލު ކުރެވޭ ކަމަށާއި އޭނާއާއި ދެކޮޅަށް މައްސަލަ ބަލަން ޖެހޭ ކަމަށެވެ.
"ރިއާ ވަނީ ސުޝާންތަށް ބޭސް ކާންދީ އޯވަރ ޑޯސް ކޮށްފަ. އަދި ދުނިޔެއަށް ދައްކަމުން ދިޔައީ ސުޝާންތު ހުރީ މޮޔަވެފަ ނުވަތަ ނަފްސާނީ ބަލީގެ ޝިކާރައަކަށް ވެފައި ކަމަށް" އެފިޑެވިޓް ގައި ބުނެފައިވެއެވެ.
މީގެއިތުރުން ބިހާރް ސަރުކާރުން ބުނެފައިވަނީ ރިއާ، ސުޝާންތު އާއި އެންމެ ފުރަތަމަ ބައްދަލު ވެސް ކޮށްފައިވަނީ ސުޝާންތުގެ މުދަލާއި ފައިސާގެ ބޭނުމުގައި ކަމަށް ސުޝާންތުގެ ބައްޕަ ކޭކޭ ސިންގް ބުނެފައިވާ ކަމަށެވެ.
"ރިއާ ވަނީ ސުޝާންތުގެ ބެންކް އެކައުންޓްގެ ތަފްސީލުތައް ވެސް ހޯދާ، ގިނަ އަދަދެއްގެ ފައިސާ ސުޝާންތުގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކޮށްފަ. ސުޝާންތު ބޭނުންވީ ފިލްމު ކުޅުން ހުއްޓާލާފައި އާއިލާގާތަށް ގޮސް އަމިއްލަ މަސައްކަތެއް ފަށަން. އެކަމަކު ރިއާ ވަނީ ސުޝާންތުގެ މެޑިކަލް ރިޕޯޓުތައް ދައްކާ ސުޝާންތަކީ މޮޔައެއް ކަމަށް މީޑިއާގައި ވެސް ވާހަކަ ފަތުރާނެ ކަމަށާއި އޭރުން ދެން އެއްވެސް ވަޒީފާއެއް ނުލިބޭނެ ކަމަށް ބުނެ ބިރު ދައްކާފަ" އެފިޑެވިޓްގައި ބުނެފައިވެއެވެ.
ރިއާ އަށް މިމައްސަލައިގައި ވަނީ ވަރަށް ގިނަ ތުހުމަތުތަކެއް އުފުލިފައެވެ. އެގޮތުން ސުޝާންތު އޭނާގެ އާއިލާއާއި ވެސް ދުރުކޮށްފައި ބެހެއްޓިކަމަށް ވެސް ބުނެފައިވެއެވެ.
މިމައްސަލަ އިތުރަށް ކުރިއަށް ގެންދާނެ ގޮތަކާއިމެދު ސުޕްރީމް ކޯޓުން އަދި ވަކި ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ޕަޓްނާގެ ފުލުހުން ވެސް އެދެނީ މިމައްސަލައިގައި ރިއާ އާއި ހަރުކަށިކޮށް ސުވާލު ކުރުމުގެ ހުއްދައަކަށެވެ.
ރިއާ އާއި ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި ސުޝާންތުގެ ގޭގައި ކުރިން މަސައްކަތްކުރި ދެ މީހަކު ވެސް ހިމެނެއެވެ. އެމީހުން ބުނި ގޮތުގައި އަބަދުވެސް އުފަލުންހުރި ސުޝާންތު މަޑުމައިތިރިވެ ފިކުރު ބޮޑުވެފައި ހުންނަން ފެށީ ރިއާ އާއި އެއްކޮށް މިދިޔަ އަހަރު ޔޫރަޕަށް ކުރި ދަތުރަކަށް ފަހުގައި ކަމަށެވެ.