ޑްރަގް މައްސަލަ: މަނީ ލޯންޑަރިންގެ ދަޢުވާ ބޭރުކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައިފި
މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދިކަމަށް ޝައްކުކުރެވޭ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދިކަމަށް ބުނާ މައްސަލައެއްގައި ފުރަތަމަ ފަހަރަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
މި މައްސަލައަކީ ގދ.ތިނަދޫ/ލަކީލާސްޓް, ރާމިޒާ ޢަލީއާއި އޭނާގެ ފިރިމީހާ ގދ.ތިނަދޫ/ރަންގަލް, ޙަސަން ލޫޠު އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދިކަމަށް ޝައްކުކުރެވޭ ފައިސާ ރާމިޒާގެ އެކައުންޓަށް ޖަމާކުރުމުން އޭގެ މަންފާ ހޯދިކަމަށް ތުހުމަތުވާ މައްސަލައެކެވެ.
މި މައްސަލައިގައި ދެން ޝާމިލްވާ މީހުންނަކީ ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45, ޙަސަން ރަޝީދާއި، ތ.ތިމަރަފުށި، ވައިޓްރޯސް، އިސްމާޢީލް ޝަރީފާއި، މއ.ހަސްލަތު، ޝަނިޔާ އިބްރާހީމެވެ.
ރާމިޒާގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ ދަޢުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ އާދަމް ނިންމެވި ނިންމެވުމުގައި ވަނީ
ރާމިޒާ މަނީ ލޯންޑްރިންގެ ކުށުގެ ޢަމަލެއް ކޮށްފައިވާކަމަށް ޝަރީޢަތަށް ސާބިތުކޮށްދެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރާމިޒާގެ މަނީ ލޯންޑަރިންގެ އަމަލެއް ކޮށްފައިވާކަން ދަލާލުކޮށްދޭ އެއްވެސް ހެއްކެއް ފެންނަން ނެތުމުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އެ ނިންމުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ދައުލަތުން އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
މި މައްސަލައިގައި ހައިކޯޓުން މިއަދު ކުރި ޙުކުމުގައިވަނީ ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ހެކި ބަލައިނުގަތުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި ރާމިޒާ ޢަލީގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާ މައުޟޫޢީގޮތުން ކުރިއަށް ގެންދެވެން ނެތްކަމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި, މި ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުސޫލުތަކަށާއި އަދި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކޮށް ރާމިޒާ ޢަލީގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅިގެން ކްރިމިނަލް ކޯޓުން އަލުން ގޮތެއް ކަނޑައެޅުމަށް ފެންނަ ކަމުގައެވެ.