އެމެރިކާއެކު ކުރާ މަޝްވަރާ ހާމަކޮށްގެން ނުވާނެ: ޗައިނާ
ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އިންޑޮނީޝިއާގެ ބާލިގައި ބައްދަލުރައްވާ ގޮތަށް އޮތީ ހަމަޖެހިއްޖެއެވެ.
ވޮޝިންގްޓަނުން ބުނާ ގޮތުން މި ބައްދަލުވުމުގައި ކުރެވޭ ވަޝްވަރާތައް ޓައިވާނަށް އޮޅުންފިލުވައިދެވޭނެއެވެ.
އެމެރިކާގެ މި ނިންމުމަށް އިންޒާރު ދެއްވައި ޗައިނާގެ ފޮރިން މިސްޓްރީން ބުނީ ވޮޝިންޓަނުން ބުނާ ފަދައިން މުއާމަލާތްކުރުން ވާނީ ގޮތްކުޑަ އަމަލަކަށް ކަމަށެވެ. އަދި ޑިޕްލޮމެޓިކް އުސޫލުން ޗައިނާއާ މަޝްވަރާކުރަން އެދޭ ނަމަ އެމެރިކާއަށް ވެސް އޮތް ގޮތަކީ އިހުތިރާމްކުރުން ކަމަށެވެ.
ޗައިނާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ޖައޯ ލިޖިއަން ވިދާޅުވި ގޮތުގައި ދެ ރައީސުންގެ ދެމެދުގައި ދެކެވޭ އެއްވެސް ވާހަކައެއް ތިންވަނަ ފަރާތަކާ ހިއްސާކޮށްގެން ނުވާނެއެވެ.
ތަރުޖަމާން އަދި ވިދާޅުވީ ދަނޑިވަޅުގެ ނާޒުކު ކަމަށް ބަލާއިރު ޓައިވާނަށް ސިއްރުކުރަން ޖެހޭ މަޝްވަރާއެއް ވެސް އެމެރިކާ އާއެކު ކުރަން ޖެހިދާނެ ކަމަށާއި -- ސިއްރު ހިފެހެއްޓުމަކީ އެމެރިކާއަށް ވެސް ލާޒިމު ކަމެއް ކަމަށެވެ.
އެމެރިކާ އާއި ޗައިނާ މުއާމަލާތްކުރުމުގައި ތިން އަސާސެއް ދެމެހެއްޓުމަށް ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައި އޮންނާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމް ކުރުމާއި، ސުލްހަވެރި ކަމުގައި ދެމިއޮތުން އަދި މުއާމަލާތްތަކުގައި ދެ ގައުމަށް ވެސް ހަމަހަމަ އުސޫލެއް އޮންނަން ޖެހޭނެ ކަމަށް ވާނީ އެއްބަސްވެފައި ކަމަށެވެ.
ޖަހޯ ލިޖިއަން ވިދާޅުވި ގޮތުގައި "ވަން ޗައިނާ" ސިޔާސަަތަށް އެމެރިކާ އިހުތިރާމްކުރާ ކަމަށް ބުނާއިރު އަމަލީ ގޮތުން އެ ސިފައެއް ނުފެނެއެވެ.
އެމެރިކާގެ ވިސްނުމަކީ ޓައިވާން އަކީ މިނިވަން ދައުލަތެއް ކަމަށް ބަލައިގަތުން ކަމަށް ވެސް ތަރުޖަމާން ވިދާޅުވިއެވެ.
ވަން ޗައިނާ ސިޔާސަތު ގަބޫލުކުރާ އެއްވެސް ގައުމަކުން ޓައިވާނާ ސީދާ ސިދާ މުއާމަލާތް ނުކުރާނެ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. އެހެނެއް ކަމަކު އޭނާ ވިދާޅުވީ އެމެރިކާ އާއި ޓައިވާން މުއާމަލާތް ކުރަނީ ޗައިނާއަށް އެންމެ ކަމުނުދާ އުސޫލުން ކަމަށެވެ.
"ދެވަނަ ޗައިނާއެއް ދުނިޔޭގައި ނޯންނާނެ،" ތަރުޖަމާން ވިދާޅުވި އެވެ. "ޓައިވާން އަކީ ވަކި ގައުމެއް -- އަދި ވަކި ދައުލަތެއް ވެސް ނޫން. އެއީ ޗައިނާގެ ވަކިން އޮންނަ އަވަށެއް"
ތަރުޖަމާން ވިދާޅުވީ ޗައިނާ އާއި އެމެރިކާއާ ދެމެދު ކުރެވޭ މަޝްވަރާތައް ޓައިވާނަށް ބުނެދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެ ގޮތަށް ވޮޝިންގްޓަނުން އަމަލުކޮށްފި ނަމަ އާޚިރު ނަތީޖާ ހިތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.