ދުނިޔެ

ވާދަވެރިކަން ބޮޑަސް ހަނގުރާމައަކަށް ނުދާން އެމެރިކާ އަދި ޗައިނާއިން އެއްބަސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖީ20 ގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންގްޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބައްދަލު ކުރައްވާ ދެގައުމުގެ ދެމެދުގައި ހުރި ތަފާތުތަކާއެކު ކުރިއަށް ދާން މަޝްވަރާ ކުރައްވައިފިއެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެންމެ ބޮޑު ދެ އިގްތިސޯދާއި އަސްކަރީ އެންމެ ބޮޑު ދެބާރުގެ ވެރިން އަހަރުތަކަކަށް ފަހު ބައްދަލުވެ ކުރެއްވި މަޝްވްރާތަކުގައި ޝީ ވިދާޅުވީ، ދުނިޔެ މިހާރު އައިސްފައި ވަނީ ހަތަރު އަނގޮޅިއެއްގެ ކަންމައްޗަކަށް ކަމަށާއި ޗައިނާ އާއީ އެމެރިކާއިން ޒިންމާދާރު ކަމާއެކު ގުޅިގެން ކުރިއަށް ދާތަން ދުނިޔެ ބަލަން ބޭނުންވާ ކަމަށެވެ.

ބައިޑަން އާއި ޝީ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކުރިމަތި ވާނެހެން މޭޒުގެ ދެކޮޅުގައި ތިއްބަވާ، ބައިޑަން ވިދާޅުވީ، ވޮޝިންޓަނާއި ބެއިޖިންގް އާ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ޒިންމާދާރު ކަމާއެކު ހައްލު ކުރެވޭނެ ކަމަށާއި އެބައްއެއްގެ ޒިންމާތައް އެބަޔަކު ފުރިހަމައަށް އަދާކުރަމުން ދާ ކަމަށެވެ. އަދި ދުނިޔޭގެ މައްސަލަތަކުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށްވެސް ބައިޑަން ވިދާޅުވިއެވެ.

ޖީ20 ގެ ހަވާސާގައި 2 ބޭފުޅުން ބައްދަލު ކުރައްވާ، މަޝްވަރާތަކެއް ކުރެއްވިޔަސް މާ ބޮޑު ނަތީޖާއެއް ނުކުމެދާނެ ކަމަށް މުރާސިލުން އުއްމީދެއް ނުކުރެއެވެ. އެހެނީ 2 ބޭފުޅުންނަކީވެސް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އެނގިވަޑައިގަންނަވާ ދެބޭފުޅުން ކަމަށް ވުމާއި، ދެގައުުގެ ދެމެދުގައި، ސިޔާސީ ގޮތުންނާއި ބާރާއި ނުފޫޒުގެ ގޮތުން އޮތް ވާދަވެރިކަމާއި، އެމެރިކާއިން ޗައިނާ އެކަހެރި ކުރަން ކުރާ މަސައްކަތާއި، ދޭ އިންޒާރަކީ، އޮޅިފައި އޮންނަ ކަންކަމެއް ނޫނެވެ. އެހެން ކަމުން ދެބޭފުޅުންގެ މަޝްވަރާއިން މާ ބޮޑު ކުރިއެރުމެއް ނުލިބުނަސް ދެގައުމުގެ ދެމެދުގައި އޮތް ޓެންޝަން (ނުތަނަވަސްކަން) ކުޑަވެގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ.

މި ބައްދަލުވުމުގައި ޗައިނާއިން ވަނީ، އެމެރިކާ އާ އެކު ހުޅުވާލެވިަފއިވާ މާހައުލެއްގައި މަޝްވަރާތަކަށް ދާން ބޭނުން ކަމުގެ އިޝާރާތެއްވެސް ކޮށްފައެވެ. ޝީ ވިދާޅުވީ، މި ބައްދަލުވުމުން، ޗައިނާ އާއި އެމެރިކާ އާ ދެމެދު ކުރިއަށް ދާން ރަނގަޅު މަގެއް ނުވަތަ ޗާޓެއް ކުރިހިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މި ބައްދަލުވުމަށް ވަޑައިގަތުމުގެ ކުރިން ބައިޑަން ކެމްބޯޑިއާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ޗައިނާ އަށް ރެޑް ލައިން (ރަތް ރޮނގު) ކިޔައިދެއްވަން ޖެހިވަޑައިގަންނަވާ ކަމަށާއި ދެގައުމުގެ ދެމެދުގައި ނުތަނަވަސްކަން އޮތް ހިސާބަކީ އެއީ ކަމަށެވެ. ނަމަވެސް އިންޑޮނިޝިއާގެ ބާލީގައި މިއަދު ބޭއްވި ބައްދަލުވުމުގައި އެ ވިދާޅުވާ ރަތް ރޮނގުގެ ވާހަކައެއް ބައިޑަން ނުދައްކަވައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!