މިއަދު ވެސް ޓެކްސް ބިލަށް ވޯޓަށް ނޭހި
ސަރުކާރުން ފޮނުވާފައިވާ ޓެކްސް ބޮޑު ކުރުމުގެ އިސްލާހާ މެދު ގޮތެއް ނިންމެވުމަށް ވޯޓަށް ނާހައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ނިންމާލައިފިއެވެ.
އިއްޔެގެ ޖަލްސާގައި ވެސް، ރިޔާސަތުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މަޖިލީހުގެ ކޯރަމް ހަމަ ނުވާ ކަމަށް ވިދާޅުވެ ޓެކްސް ބިލަށް ވޯޓަށް ނާހައި ޖަލްސާ ނިންމާލައިފައެވެ. މިއަދުގެ ވޮޓު ގަޑީގައި މަޖިލީހުގެ ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދެވެ.
ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި މަޖިލީހުގައި މިއަދު އަލުން ބަހުސް ކުރުމުގެ ފުރުސަތު ރިޔާސަތުން ވަނީ ހުޅުވާލައިފައެވެ. އަދި އެ މައްސަލާގައި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބަހުސް ކުރައްވައިފައެވެ.
ވޯޓުގެ ވަގުތު ޖެހުމުން، ވޯޓަށް އެހީ ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ބަދަލުވެފައިވޭތޯ ބެލުމަށް ދަނގެތީ ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ހުށަހެޅުއްވި ޤަރާރު ބަލައިގަންނަނަން ފެނޭތޯ ބެލުމަށެވެ. އެޤަރާރު ބަލައިގަތުމަށް ނުފެންނަކަމަށް ފާސްވުމާއެކު ނަތީޖާ ވިދާޅުވުމަށްފަހު ނަޝީދުވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ޓެކްސްގެ ބިލަށް ވޯޓަށް ނޭހީ ކީއްވެގެންކަމެއް ރިޔާސަތުން ވިދާޅެއްނުވެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވާއިރު، އެ އިސްލާހު ދެން ފާސްކުރަންޖެހޭނީ މަޖިލީހުގެ ތަޅުމުންނެވެ. އެ ގާނޫނަށް އަމަލުކުރަން ފެށޭނީ އޭގެފަހުން ރައީސް އެ ބިލު ތަސްދީގު ކުރެއްވުމުންނެވެ.
ޤާނޫނަށް ގެންނަ އިސްލާހުގައިވާގޮތުން ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓީޖީއެސްޓީ 12 ޕަސެންޓުން 16 އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ. އިސްލާހުގައި ވަނީ ޖެނުއަރީ 1 2023 އިން ފެށިގެން ޓެކްސްގެ ރޭޓު ބޮޑު ވާނެ ކަމަށެވެ.