އެސްޓީއޯއިން މަސައްކަތް ކުރަނީ މުޅި ރާއްޖޭގެ އިގުތިސާދަށް ފަސޭހަވާނެ ގޮތްތަކެއް ހޯދަން: އަމްރު
އެސްޓީއޯއިން މަސައްކަތް ކުރަނީ މުޅި ރާއްޖޭގެ އިގުތިސާދަށް ފަސޭހަވާނެ ގޮތްތަކެއް ހޯދަން ކަމަށާއި ރާއްޖެއަށް ވަންނަ ޑޮލަރު އިތުރު ކުރުމާއި ރާއްޖެއިން ބޭރުވާ ޑޮލަރު މަދުކުރުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ޕްރޮގްރާމެއްގައި މިއަދު ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ޝިޕިންގ ލައިނާއި, ޑިޖިޓަލް ބޭންކާއި, ފުށް ފެކްޓްރީއާއި, އެގްރި ސެންޓަރާއި މި ހުރިހާ ކަމަކުން ވެސް ހާސިލުކުރަން ބޭނުންވަނީ އެއް ކަމެއް ކަމަށާއި އެއީ ރާއްޖެއަށް ވަންނަ ޑޮލަރު އިތުރު ކުރުމާއި ރާއްޖެއިން ބޭރުވާ ޑޮލަރު މަދުކުރުން ކަމަށެވެ. އަދި ރާއްޖޭގެ މުޅި އިގުތިސާދު ކުރިއަރައިގެންދާނީ އޭރުން ކަމަށް ވެސް އަމްރު ވިދާޅުވިއެވެ.
އަޅުގަނޑުމެން އެސްޓީއޯއިން މަސައްކަތް ކުރަނީ މުޅި ރާއްޖޭގެ އިގުތިސާދަށް ފަސޭހަވާނެ ގޮތްތަކެއް ހޯދަން.
އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކްގެ ބޭނުމަކީ ރާއްޖެއިން ބޭރުގައި މައިގަނޑު ގޮތެއްގައި ޚިދުމަތް ދިނުން ކަމަށާއި ރާއްޖެއަށް ޑޮލަރު ވައްދާނެ ގޮތެއް ހޯދުން ކަމަށެވެ. އަދި ފުށް ފެކްޓްރީއާއި އެގްރި ސެންޓަރުގެ މައިގަނޑު ބޭނުމަކީ މައިގަނޑު ގޮތެއްގައި ރާއްޖެއިން ބޭރުވާ ޑޮލަރު މަދުކުރުން ކަމުގައެވެ.
މީގެ އިތުރުން އަމްރުގެ ވާހަކައިގައި ވަނީ އެސްޓީއޯގެ ވިޔަފާރި ފުޅާކުރުމުގެ ތެރެއިން ތެޔޮ ރައްކާ ކުރާ ސްޓޯރޭޖާއި އިންޓަނޭޝަނަލް ބަންކަރިންގެ ޚިދުމަތަށް ވެސް އަލިއަޅުވައިލައްވާފައެވެ.
އެސްޓީއޯއިން އެއްގަމުގައި ތެޔޮ ރައްކާކުރަން މިހާރު ބޭނުންކުރަނީ މާލޭ ކައިރީގައި އޮންނަ ފުނަދުއެވެ. ކުރިން ވާހަކަ ދެކެވިފައި އޮތީ ފުނަދޫގައި ހުންނަ ސްޓޯރޭޖް ތިލަފުށްޓަށް ބަދަލު ކުރުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް އެންމެ އުުތުރުން އޮންނަ އިހަވަންދިއްޕޮޅުގައި ސްޓޯރޭޖް އަޅަން ނިންމީ ލޮކޭޝަނުގެ ގޮތުން ލިބޭނެ މަންފާތަކަށް ބަލައިފައެވެ.
އެސްޓީއޯގެ ވިސްނުމަކީ ފްލޯޓިން ސްޓޯރޭޖެއް އެޅުމެވެ. އެއީ އާ ބަނދަރެއް އެޅުމަށްވުރެ ޚަރަދު ކުޑަ ގޮތެކެވެ.
އަޅުގަނޑުމެން ތެޔޮ ވިއްކަން އެބަ ފަށަން އިންޓަނޭޝަނަލް މާކެޓަށް. އެއީ ރާއްޖޭގެ އެންމެ އުތުރުން ދުވާލަކު ދަތުރުކުރެވޭ ގާތްގަނޑަކަށް 300 އެއްހައި އާގު ބޯޓު. އެހެންވީމަ އަޅުގަނޑުމެންނަށް އެއިން ކުޑަ ޕަސެންޓޭޖެއް ނެގުނު ނަމަވެސް އެއީ ވަަރަށް ބައިވަރު ފައިސާ ރާއްޖެއަށް ވަންނަ. އެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ.
އަމާޒަކީ ވީހާވެސް ކުރު މުއްދަތެއްގައި ގިނަ އަދަދެއްގެ ބޭރު ފައިސާ ރާއްޖެއަށް ވެއްދުމާއި ބޭރުވާ ފައިސާ މަދުކުރުން ކަމަށް އަމްރު ވިދާޅުވިއެވެ.