އަރުޝަދަށް ކުރާ ދެ ދަޢުވާއެއް އަލުން ބެލުމަށް ހައިކޯޓުން ޢަމުރުކޮށްފި
ވައްކަމާއި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ގދ.ހޯނޑެއްދޫ/އަލޯރާ އަރުޝަދު ޚާލިދަށް ކުރާ ދަޢުވާތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލީ ގޯސްކޮށްކަމަށް ކަނޑައަޅައި އެ ދެ މައްސަލަ އަލުން ބެލުމަށް އަންގައި ހައިކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
އަރުޝަދުގެ މައްޗަށް އުފުލީ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި މުދަލަށް ގެއްލުންދިނުމާއި މުދަލަށް ގެއްލުންދިނުމުގެ ކުށުގެ ދަޢުވާއެވެ.
އެއީ 2016 ވަނަ އަހަރުގެ އޮގަސްޓުމަހު 20 ވަނަ ދުވަހުގެ ރޭ އޭނާއާއި އިތުރު ބަޔަކުވެގެން ވިއު ކޮންސްޓްރަކްޝަންގެ އޮފީސް ފަޅާލައި އެ އޮފީހުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަށް ގެއްލުންދީ ތިޖޫރީއެއް ފަޅާލައި އިތުރު ތިޖޫރީއަކަށް ގެއްލުންދިނުމަށްފަހު އެ ތިޖޫރީ ވަގަށް ގެންދަން އުޅުނު މައްސަލައިގައެވެ.
ކްރިމިނަލް ކޯޓުން މި ދަޢުވާތައް ބޭރުކޮށްލީ މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައިނުވާތީ އެ ދަޢުވާތައް އަރުޝަދުގެ މައްޗަށް ސާބިތުނުވާކަމަށް ބުނެއެވެ.
އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ދައުލަތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދައުލަތުން އެދުނީ ކުރިމިނަލް ކޯޓުގެ ދެ ޙުކުމް ބާޠިލުކޮށް, އަރުޝަދުގެ މައްޗަށް ދަޢުވާކޮށްފައިވާ ވައްކަން ކުރަން އުޅުމުގެ ކުށުގެ ދަޢުވާއާއި މުދަލަށް ގެއްލުން ދިނުމުގެ ކުށުގެ ދަޢުވާ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް ތަހުވީލު ކޮށްދިނުމަށެވެ. ތަހުވީލު ކުރުމަކީ ކޯޓަކަށް ހުށަހެޅިފައި އޮންނަ މައްސަލައެއް އެހެން ކޯޓަކަށް ބަދަލު ކުރުމެވެ.
ހައިކޯޓުން މިއަދު ކުރި ޙުކުމުގައި ވަނީ އަރުޝަދުގެ ފަރާތުން ދިފާޢުގައި ހަމައެކަނި ބުނާ ބުނުމަކީ ހާދިސާ ހިނގިތަނަށް އޭނާ ނުގޮސް ކޮންމެވެސް ބަޔަކާއެކު ގޭމް ކުޅެން ކޮންމެވެސް އެހެން ތަނެއްގައި އެރޭ ތިބި ކަމަށް ބުނާ ބުނުން ކަމަށެވެ. އަދި އެކަން ސާބިތު ކުރުމަށް އަރުޝަދުގެ ފަރާތުން ފުރަތަމަ ވެސް ހެކި ހުށަހަޅާފައިވަނީ ޝަރީޢަތް ފެށުނު ފަހުން ކަމަށާއި އެހެންކަމުން ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މާއްދީ އަދި ފޮރެންސިކް ހެކިތައް ބަލައިނުގަތުމަށް ނިންމުމުގެ ކުރިން އަރުޝަދު ހާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާޢުއާ މެދު ވެސް ދަށު ކޯޓުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ ކަމަށެވެ.
ހައިކޯޓުން ބުނީ އަރުޝަދުގެ މައްޗަށް ދަޢުވާ ސާބިތު ނުވާކަމަށް ނިންމީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ލިބިފައި ނެތްކަމަށް ބުނެ ކަމަށާއި ނަމަވެސް ކުށް ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާ ހެކިތައް ދަށު ކޯޓުތަކުން ބަލައި ނުގަންނަނަމަ ދަޢުވާ ސާބިތު ކުރާނެ ހެއްކެއް ނުހުންނާނެ ކަމަށެވެ.
ވީމާ ކަމެއްގެ ޙަޤީޤަތް އޮތް ގޮތް ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކި ޝަރީޢަތަށް ބަލައިގަތުމާއި ގުޅޭ ގޮތުން ޤާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ހެކިތައް ބަލައި ގަންނަން ޖެހޭނެ.
ހައިކޯޓުގެ ޙުކުމުގައި އިތުރަށް ބުނެފައިވަނީ ދަޢުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހެޅި މާއްދީ ހެކިތަކާއި ފޮރެންސިކް ހެކިތަކާއި ގުޅޭ ގޮތުން އަރުޝަދު ސުވާލެއް އުފައްދާނަމަ އެކަން ސާފުކުރެވޭނީ ވެސް އެ ރިޕޯޓްތައް ތައްޔާރުކުރި ފަރާތްތައް ހާޒިރު ކޮށްގެން ކަމަށެވެ. އަދި މި މައްސަލައިގައި ހެކީގެ ގޮތުގައި ހުށަހެޅި އެއްވެސް ރިޕޯޓެއް ޝަރީޢަތަށް ބަލައިގަތުން ޤާނޫނީ ގޮތުން މަނާ ކުރެވޭފަދަ އެއްވެސް ޤާނޫނީ ސަބަބެއް އަރުޝަދު ބަޔާންކޮށް ހުށަހަޅާފައެއް ނެތްކަމަށް ވެސް ޙުކުމުގައި ބުނެފައިވެއެވެ.
....އަރުޝަދު ޚާލިދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އެ ދަޢުވާތައް ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެކިތަކަށް އެއްގޮތަކަށް ވެސް ބެލުމަކާ ނުލައި....
އެހެންކަމުން ކްރިމިނަލް ކޯޓުގެ ނިންމެވުން ބާޠިލުކަމަށް ކަނޑައަޅާ ކަމަށާއި ދައުލަތުން ހުށަހެޅި މާއްދީ ހެކިތަކާއި ފޮރެންސިކް ހެކިތަކާއި ގުޅޭ ގޮތުން ސުވާލެއް އުފައްދާ ހާލަތުގައި, އެ ހެކިތަކާ ގުޅިގެން ރިޕޯޓު ތައްޔާރުކުރި ފަރާތްތައް ހާޒިރު ކޮށްގެން އަލުން މި ދެ މައްސަލަ ބަލައި ގޮތެއް ކަނޑައެޅުމަށް އަންގައި ޙުކުމް ކުރާކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ޙުކުމުގައިވެއެވެ.
މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒެވެ. ދެން ބެންޗުގައި ތިއްބެވީ ފަނޑިޔާރު ޙުސައިން ޝަހީދާއި ފަނޑިޔާރު ޙަސަން ޝަފީޢުއެވެ.