ދުނިޔެ

ބޮޑު ކުރިމަތިލުމަކަށްދާން ދެ ޤައުމުން ވެސް ބޭނުމެއް ނުވޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މެރިކާއާއި ޗައިނާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހައްލު ކުރަން ޖޯ ބައިޑަންއާއި ޝީ ޖިންޕިންގް މަޝްވަރާ ކުރައްވައިފިއެވެ. އެމެރިކާގެ ރައީސްގެ މަޤާމާ ބައިޑަން ހަވާލުވެ ވަޑައިގެންނެވި ފަހުން މިއީ އޭނާ ޝީއާ އެއް ތަނެއްގައި ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުން ކުރިއަށް ދިޔައީ އިންޑޮނީޝިޔާގެ ބާލީގައެވެ.

Ads by Sosun Fihaara

ދުނިޔޭގެ އެންމެ ބޮޑު 20 އިޤުތިޞާދު ނުވަތަ ޖީ20ގެ ޤައުމުތަކުގެ ސަމިޓުގެ ހަވާސާގައި ބައްދަލު ކުރައްވައި ބައިޑަންއާއި ޝީ ވަނީ ދެ ޤައުމުގެ މެދުގައި ޚިޔާލު ތަފާތުވުންތަކާއި ނުތަނަވަސްކަން އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުވުމާ ގުޅޭ ގޮތުން ބައިޑަން ވިދާޅުވީ، އައު ފިނި ހަނގުރާމައަކަށް ޖާގަދޭން ދެ ޤައުމުން ވެސް ބޭނުން ނުވާ ކަމުގައެވެ. އަދި، ދެ ޤައުމުގައި ޚިޔާލު ތަފާތުވުން އުފެދިފައިވާ މައްސަލަތަކާ ގުޅިގެން ބޮޑު ކޯޅުންގަނޑެއް އުފެދެން ދެ ޤައުމުން ވެސް ނޭދޭ ކަމުގައި ބައިޑަން ވިދާޅުވިއެވެ.

ޝީ ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަން ހައްލު ކުރަން ދެ ޤައުމުން ވެސް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް ދުނިޔެއިން އުންމީދު ކުރާ ކަމުގައެވެ. އަދި، ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމަކީ ޗައިނާ ކަމުގައި ހަދަން މަސައްކަތް ކުރާ ކަމަށް ކުރެވޭ ތުހުމަތުތަކުގައި ހަޤީޤަތެއް ނެތް ކަމުގައި ޝީ ވިދާޅުވިއެވެ. އަދި، މި ކަމުގައި އެމެރިކާއާ ކުރިމަތިލާން ޗައިނާއިން ބޭނުން ނުވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19ގެ ޕެންޑިމިކްގެ ތެރޭގައި ބައިޑަންއާއި ޝީ ވަނީ ތިން ފަހަރެއްގެ މަތިން ފޯނުން ވާހަކަފުޅު ދައްކަވާފައެވެ. ދެ ޤައުމުގެ މެދުގައި އުފެދިފައި އޮތް މައްސަލަތައް ހައްލު ކުރުމަށް އެ ބައްދަލުވުންތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައެއް ނުވެއެވެ. ނަމަވެސް، ބާލީގައި ބޭއްވި ބައްދަލުވުމާ މެދު ބައިޑަންއާއި ޝީ ވެސް ވަނީ ހިތްހަމަޖެހޭ ކަން ފާޅު ކުރައްވާފައެވެ.

މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވާ އެއް މައްސަލައަކީ ރަޝިޔާއިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގެ މައްސަލައެވެ. ރަޝިޔާއިން ވަނީ ޔޫކްރެއިނާ ދެކޮޅަށް ނިއުކްލިޔަރ ހަތިޔާރު ބޭނުން ކުރުމުގެ ފުރުޞަތު އޮތް ކަމަށް ބުނެ، އެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، މިއީ ބައިޑަންއާއި ޝީ ވެސް ބޭނުންފުޅުވާ ކަމެއް ނޫނެވެ.

ދެ ބޭފުޅުން ވެސް ވިދާޅުވީ ނިއުކްލިޔަރ ހަނގުރާމައެއް ފެށުމަށް ޖާގަދެވެން ނެތް ކަމުގައެވެ. އަދި، ނިއުކްލިޔަރ ހަނގުރާމައަކާ ދެކޮޅުކަން ހާމަކޮށް ދެ ބޭފުޅުން ވެސް ވަނީ، އެ ފަދަ ހަނގުރާމައެއް ފެށިއްޖެ ހާލަތުގައި، އެއްވެސް ޤައުމަކަށް ކުރި ނުލިބޭނެ ކަން ހާމަ ކުރައްވާފައެވެ.

މި ފަދަ ގިނަ ކަންތައްތަކާ މެދު ބައިޑަންއާއި ޝީގެ ޚިޔާލު އެއް ގޮތެވެ. ނަމަވެސް، ޚިޔާލު ތަފާތުވުން އެންމެ ބޮޑުވެފައިވާ މައްސަލައަކަށްވީ ތައިވާނުގެ މިނިވަންކަމާ ގުޅޭ މައްސަލައެވެ. މި ކަމާ ގުޅޭ ގޮތުން ދެ ބޭފުޅުން ވަނީ ބަހުގެ ހަމަލާތައް ބަދަލު ކުރައްވާފައެވެ.

ތައިވާނުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ކޯޅުންގަނޑެއް އުފެދުނީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ތައިވާނަށް ދަތުރުފުޅެއް ކުރެއްވުމާ ގުޅިގެންނެވެ. އެ ކަމާ ހިތްހަމަ ނުޖެހުން ފާޅު ކުރުމުގެ ގޮތުން ޗައިނާއިން ވަނީ ތައިވާނު ވަށައިލާ ވަރުގަދަ އަސްކަރީ ތަމްރީނުތަކެއް ބާއްވާފައެވެ.

މި މައްސަލައިގައި ބަހުސް ކުރައްވަމުން ޝީ ވަނީ ތައިވާނުގެ މައްސަލައިގެ ތެރެއަށް އެމެރިކާއިން ވަނުމަކީ ޗައިނާއި ރުހޭކަމެއް ނޫން ކަމުގައި ވިދާޅުވެފައެވެ. ނަމަވެސް، ބައިޑަން ވިދާޅުވީ، ޗައިނާއިން ތައިވާނުގެ މިނިވަން ކަމަށް އަރައިގަންނަން މަސައްކަތް ކޮށްފި ނަމަ، ތައިވާނު ދިފާޢު ކުރަން އެމެރިކާއިން ތެދުވާނެ ކަމުގައެވެ.

މީގެ އިތުރުން އުތުރު ކޮރެޔާގެ މައްސަލައާ ގުޅޭ ގޮތުން ވެސް ދެ ބޭފުޅުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. އަދި، ބައިޑަން ވަނީ އުތުރު ކޮރެޔާގެ ނުރައްކާތެރި އަމަލުތައް ހުއްޓުވަން ޗައިނާގެ އެއްބާރުލުން ބޭނުންވާ ކަމުގައި ވިދާޅުވެފައެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ އިޤްތިޞާދުގެ ވެރިންގެ ބައްދަލުވުން ނިމިފައި ވަނީ ހިތްހަމަޖެހޭ ނާތިޖާތަކަކާ އެކުއެވެ. މި ކަން ހާމަކޮށްދޭ އެއް ހެއްކަކީ، މި ބައްދަލުވުމަށް ފަހު ވެސް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވުމެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާތައް ބޭއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ޗައިނާއަށް ދަތުރުފުޅެއް ކުރައްވާނެ ކަން ބައިޑަން ވަނީ އިޢުލާނު ކުރައްވާފައެވެ.

ބައިޑަންއާއި ޝީގެ ބައްދަލުވުމަކީ އެމެރިކާގެ ރިޔާސަތާ ހަވާލުވި ފަހުން ބާއްވާފައިވާ ފުރަތަމަ ބައްދަލުވުމެވެ. ނަމަވެސް، އެމެރިކާގެ ނައިބު ރައީސް ކަމުގެ މަޤާމުގައި ހުންނެވި އިރު މި ދެ ބޭފުޅުން ވަނީ ބައްދަލު ކުރައްވާފައެވެ. ބައިޑަން ވިދާޅުވީ، ދެ ބޭފުޅުންގެ މެދުގައި 67 ގަޑިއިރަށްވުރެ ގިނަ ވަގުތު ބައްދަލުވުންތަކުގައި ހޭދަކޮށްފައިވާނެ ކަމުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!