ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް ދިވެހި ރައްޔިތުން ބޭނުންވާކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއްކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމުގައި ދެއްކެވި ވާހަކައިގައި ޝާހިދު ވިދާޅުވީ ލާބަޔާއި މަންފާ އޮތީ ބައިނަލްއޤްވާމީ ގުޅުންތައް ވަރުގަދަ ކޮށްގެން ކަމަށެވެ.
ރާއްޖޭގެ މިނިވަންކަމުގެ އެންމެ ވަރުގަދަ ޒަޢީމް, ބޮޑުތަކުރުފާނު ގެންގުޅުއްވި ސިޔާސަތަކީ ބޭރު ފަރާތްތަކާ ގުޅިވަޑައިގެން މަސައްކަތް ކުރެއްވުމުގެ ސިޔާސަތު ކަމަށާއި މި ސަރުކާރުން ވެސް ގެންގުޅުއްވަނީ އެ ސިޔާސަތުކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ސިޔާސަތެއް ނުގެންގުޅޭ ކަމަށާއި އަބަދުވެސް ގޮވަމުންދަނީ ކޮންމެ ވެސް ބަަޔަކު ''އައުޓް'' ކުރުމަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފެނިފަ އޮތް ކުރީގެ ސަރުކާރަކީ ވަށައިގެން ފަން ފުޅަފެއް ޖަހާލައިގެން ފިލައި ތިބެ މަސައްކަތް ކުރި ބައެއް. ބޭރު މީހަކާ ބައްދަލުކޮށްލަން ނުކެރޭ ބައެއް. ބޭރު މީހަކާ ބައްދަލުކޮށްފިއްޔާ ވެސް އެ ވަނީ އެ މީހަކަށް ވިކުނީއޭ. އެހާވެސް ނަފުސުގެ މައްޗަށް އިތުބާރު ނެތް ބޭފުޅުން.
ނަމަވެސް ދުނިޔޭގެ ކިތަންމެ ބޮޑު ޤައުމެއްގެ މަންދޫބަކާ ވެސް ރައީސް ޞާލިޙްގެ ސަރުކާރުން ބައްދަލު ކުރައްވާނީ ފަޚުރުވެރިކަމާއެކު ކަމަށާއި، އެކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަކީ މައް ދިވެހިން ކަމަށް ޤަބޫލުކޮށްގެން ފިސާރި ކެރިގެން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން ޞާލިޙް އަދި އިތުރު ދައުރަކަށް ދިވެހި ރައްޔިތުން ބޭނުންވާކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއްކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ރައީސް ޞާލިޙް ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގަންނަވާނެކަމަށް ވެސް ވިދާޅުވެފައެވެ.