ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދަކީ މި ވެރިކަމުގެ ''އަނދިރި އަނދިރިން'' ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ އިތުރު ދައުރެއް ދިނުމަށް ދިވެހި ރައްޔިތުން ބޭނުންވާކަމީ ވަރަށް ސާފުކޮށް ފެންނަން އޮތް ޙަޤީޤަތެއްކަމަށް ޝާހިދު ވިދާޅުވުމާ ގުޅިގެން މިއަދު ކުރެއްވި ޓުވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ މި ސަރުކާރުން ޤައުމުގެ ހުރުމަތް ކަނޑާލައިފައިވާ ކަމަށާއި އަވަށްޓެރިން ވެސް އެފަދަ ކަންކަމާ ޖޯކު ޖަހައި މަލާމާތްކުރަމުންދާ ކަމަށެވެ. އަދި އެންމެ ކުޑަމިނުން ޤައުމުގެ މައްޗަށް އަމިއްލަ ބާރެއް ނުހިނގާ ކަމަށާއި ރައީސް ޞާލިޙްގެ ވެރިކަން ނިންމަން ރައްޔިތުން މިއަދު ތިބީ ކެތްމަދުވެފައި ކަމަށް ވެސް ޖަމީލު ވިދާޅުވިއެވެ.
ރައީސް ޞާލިޙްގެ ވެރިކަން ނިންމަން ރައްޔިތުން ތިބީ ކެތްމަދުވެފައި. ޤައުމުގެ ހުރުމަތް ކަނޑާލައިފި. އަވަށްޓެރިން ޖޯކުޖަހައި މަލާމާތްކުރަނީ. ޤައުމުގެ މައްޗަށް އަމިއްލަ ބާރެއް ނުހިނގާ. ރައްޔިތުންގެ މުސާރައިގައި ޚިދުމަތްނުކޮށް އުޅޭ ޝާހިދަކީ މި ވެރިކަމުގެ އަނދިރި އަނދިރިން.
''ބަފައިބެއިން ފެށިގެން ޢާއިލާއިން ދީފައިވާ އަނިޔާ'' ފެންނަން އެބަ އޮތްކަމަށް ވިދާޅުވެ ދާދިފަހުން ޖަމީލު ވަނީ ޗާގޯސް މައްސަލައިގައި ރައީސް ޞާލިޙް ޢަމަލު ކުރައްވަނީ ގަސްތުގައި ޤައުމަށް ގެއްލުން ދެއްވަން ކަމަށާއި ފޮތިފޮތިކޮށް އެންމެ ފަހުން ސަރަހައްދު ވެސް ވިއްކަވަން ފައްޓަވާފައިވާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.
އަދި ރައީސް ޞާލިޙަކީ ޤައުމިއްޔަތަށް ކުރިމަތިވި އެންމެ ބޮޑު ނުރައްކާތެރި ''ވައިރަސް'' ކަމަށާއި އެއީ މި ޖީލުގެ ''އަނދިރި އަނދިރިން'' ކަމަށް ވެސް ޖަމީލު ސިފަކުރެއްވިއެވެ.