ޚަބަރު ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރާ ބިލު މަޖިލީހުން ފާސްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލިސް--

ސަރުކާރުން ހުށަހެޅި ގޮތަށް އަންނަ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Sosun Fihaara

ސަރުކާރުން ހުށަހެޅީ އަންނަ ޖަނަވަރީން ފެށިގެން ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމަށާއި ޓީޖީއެސްޓީ %8 އިން %16 އަށް ބޮޑު ކުރުމަށެވެ.

އެ ގޮތަށް ފާސްކުރަން މުޅި މަޖިލީހުގެ ކޮމިޓީން ވެސް އޮތީ ފާސްކޮށްފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މުޅި މަޖިލީހުގެ ރިޕޯޓަށް ވޯޓަށް އަހައިފައެވެ. އެ ވޯޓުގައި ބައިވެެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން ޓެކްސް ބޮޑުކުރުމުގެ ބިލާ އެއްކޮޅަށް 55 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަކަމަށް 26 މެންބަރުން ވޯޓު ދެއްވިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް މީގެ ކުރިން މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކުރީ ބައެއް މެންބަރުންގެ އިސްލާހުތައް ވެސް ބޭރުކޮށްލުމަށްފަހުއެވެ.

އެ ގޮތުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހެޅުއްވީ މިހާރު ހުރި ރޭޓުތަކުގައި ޓެކްސްތައް ނެގުމަށެވެ. އެ ހުށަހެޅުން ބޭރުކޮށްލީ 56 މެންބަރުންގެ ވޯޓާއެކުއެވެ.

މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ހުށަހެޅުއްވީ ޓީޖީއެސްޓީގެ ގޮތުގައި %16 ގެ ބަދަލުގައި %14 ނެގުމަށެވެ. ނަމަވެސް 46 މެންބަރުން އެއާ ދެކޮޅަށް ވޯޓު ދެއްވުމާއެކު އެ ހުށަހެޅުން ވެސް ފާހެއް ނުވިއެވެ.

އޭގެ އިތުރުން އާޒިމް ހުށަހެޅުއްވީ ގެސްޓު ހައުސްްތަކުން ނަގާ ޓީޖީއެސްޓީގެ ޢަދަދު އިތުރު ނުކުރުމަށެވެ. ނަމަވެސް 44 މެންބަރުންގެ ވޯޓާއެކު އެ ހުށަހެޅުން ވެސް ވަނީ ބޭރުކޮށްލައިފައެވެ. އަދި ޓެކްސް ޤާނޫނަށް އަމަލުކުރަން ފަށާ ތާރީޚަކީ 2023 ވަނަ އަހަރުގެ އޭޕްރީލްކަމުގައި ހެދުމަށް އާޒިމް ހުށަހެޅުއްވި އިސްލާހު ވެސް ވަނީ 45 މެންބަރުންގެ ވޯޓާއެކު ބޭރުކޮށްލައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!