ދުނިޔެ

ޕާކިސްތާނުގެ ބޮޑު ވަޒީރެއް އަނެއްކާ ވެސް ކޮވިޑް-19 ޖެހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ލަންޑަނުން އެނބުރި އައިތާ އެއް ދުވަސް ފަހުން ޕާކިސްތާނުގެ ބޮޑުވަޒީރު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ ހާލު ދެރަވެފައިވާ ކަމަށް އެ ގައުމުގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިއީ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކޮވިޑަށް ޕޮޒިޓިވްވި ތިން ވަނަ ފަހަރެވެ. ފުރަތަމަ ކޮވިޑް-19 ޖެހިފައިވަނީ، 2020 ވަނަ އަހަރުގެ ޖޫން މަހާއި މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އިންފޮމޭޝަން މިނިސްޓަރު މަރިޔަމް އައުރަންގްޒޭބް މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އުމުރުން 71 އަހަރުގެ ލީޑަރަށް އަވަސް ޝިފާއަކަށް އެދި ދުއާ ކުރުމަށް ގައުމުގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިމަހުގެ ކުރީކޮޅު ޝަހްބާޒް މިސްރުގެ ރިސޯޓެއް ކަމަށްވާ ޝަރުމް އަލް ޝެއިޚަށް ވަޑައިގެން، އދ.ގެ އަހަރީ ކްލައިމެޓް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެތަނުން އަމިއްލަ ދަތުރުފުޅެއްގައި ލަންޑަނަށް ވަޑައިގަތީ އޭނާގެ ބޮޑުބޭބެ، ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ބައްލަވާލެއްވުމަށެވެ.

ނަވާޒް ޝަރީފަށް 2017 ވަނަ އަހަރު އެގައުމުގެ ސުޕްރީމް ކޯޓުން ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ކަނޑައަޅައި، މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 10 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޕާކިސްތާނުގެ ކޯޓަކުން އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައި ޕާކިސްތާނުން ބޭރަށް ބޭސްފަރުވާއަށް 2019 ވަނަ އަހަރު ދިނުމަށްފަހު ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަނުގައެވެ.

ބޮޑުވަޒީރު ޝަހްބާޒް ލަންޑަނުގައި ހުންނެވި އިރު ކުޑަކޮށް ހުން އައިސް ދަތުރު ދިގުކުރެއްވިއެވެ. އެނބުރި ގައުމަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. މިދިޔަ އޭޕްރީލް މަހު ޕާލަމެންޓުގައި ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުން އޭނާ ބޮޑުވަޒީރުކަން ހޯއްދެވީ، ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން މަގާމުން ދުރުކުރުމާ ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!