ދުނިޔެ

ޗައިނާ އަދި އެމެރިކާގެ ޑިފެންސް ސެކްރެޓަރީން އެއް މޭޒަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކެމްބޯޑިއާގައި މި ހަފުތާގައި ބާއްވާ ސަރަހައްދީ ސަލާމަތީ ފޯރަމްގެ ހަވާސާގައި އެމެރިކާގެ ޑިފެންސް ސެކްރެޓަރީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ޗައިނާއިން ތައްޔާރަށް އޮތް ކަމަށް އެ ޤައުމުން ހާމަކޮށްފިއެެވެ.

Ads by Sosun Fihaara

ޗައިނާގެ ޑިފެންސް މިނިސްޓަރު ވެއި ފެންގޭ އާއި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް އޮސްޓިން ލޮއިޑް މީގެ ކުރިން ވަނީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާ އެކު ބާއްވާ ފޯރަމްގައި ބައިވެރިވެވަޑައިގަންނަވާނެ ކަން ވަކިވަކިން ކަށަވަރުކޮށްދެއްވާފައެވެ.

އާދީއްތަ ދުވަހު ޗައިނާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ތަރުޖަމާނު ޓަން ކެފެއީ އާ ހަވާލާދީ ބުނެފައި ވަނީ އެމެރިކާއާ އެކު މުއާމަލާތް ކުރުމުގައި ޗައިނާއަކީ ޕްރޮއެކްޓިވް އަދި އޯޕަން އެޓިޓިއުޑެއް ގެންގުޅޭ ގައުމެއް ކަމަށެވެ. އަދި ދެ ބޭފުޅުން ބައްދަލުކުރައްވާނެތޯ ސުވާލު އުފައްދަވާ މީޑިއާގައި ވާހަކަދެކެވެމުންދާތީ، އެމެރިކާ ތައްޔާރަށް އޮތްނަމަ އެކަން ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ،

މި ބައްދަލުވުމަކީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީ ޓައިވާނަށް ކުރެއްވި ދަތުރުފުޅުގެ ބަދަލު ހިފުމުގެ ގޮތުން މިދިޔަ އޮގަސްޓް މަހު ޗައިނާއިން އަސްކަރީ ކޮމާންޑަރުންގެ މެދުގައި އާންމުކޮށް ބާއްވާ މަޝްވަރާތައް ހުއްޓާލި ފަހުން ދެ ގައުމުގެ މެދުގައި ބާއްވާ ފުރަތަމަ މަތީ ފެންވަރުގެ އަސްކަރީ މުއާމަލާތް ތަމްސީލުކުރާ ބައްދަލުވުމެކެވެ.

މިދިޔަ ހަފުތާގައި އިންޑޮނޭޝިއާގައި ބޭއްވި ގްރޫޕް އޮފް 20 ސަމިޓުގެ ހަވާސާގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން 2021 ވަނަ އަހަރުގެ ކުރީކޮޅު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް ވަނީ ބައްދަލުކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!