ޕާކިސްތާނުގެ މުޒާހަރާ ފަސްކޮށްދޭން އެދިއްޖެ

ހަމަލާތަކުގެ ނުރައްކާ އޮތް ކަމަށް ބުނެ އަންނަ ހޮނިހިރު ދުވަހު ރާވަލްޕިންޑީގައި ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ ފަސްކޮށްދިނުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ އަރިހުން އެދިވަޑައިގެންފައެވެ.
މިގޮތަށް އެދިވަޑައިގެންފައިވަނީ ޕާކިސްތާނުގެ މިހާރުގެ ޚާރިޖީ ވަޒީރެވެ.
"އިމްރާން ޚާނަށް އަޅުގަނޑު ދޭ ނަސޭހަތަކީ ހަތިޔާރު އެޅި އެއްވެސް މީހަކު ނުވަތަ ހަތިޔާރު އެޅި ޖަމާއަތަކުން ހާލަތުގެ ނާޖާއިޒު ފައިދާ ނަގައި، އެއްވެ ތިބި މީހުންނަށް އަމާޒުކޮށް ހަމަލާދޭން މަސައްކަތް ކޮށްފާނެ ކަމަށް އަޅުގަނޑުމެންގެ ޖާސޫސީ އިދާރާތަކުން އަންގާފައިވާތީ އެއްވުން ފަސްކުރުން،" ދާޚިލީ ވަޒީރު ރަނާ ސަނާއުالله ހުކުރު ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވިދާޅުވިއެވެ.
ޕާކިސްތާން ތަހްރީކޭ އިންސާފް (ޕީޓީއައި) ޕާޓީގެ ލީޑަރު އިމްރާން މިވަގުތު ހުންނެވީ ލާހޯރުގައެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޕަންޖާބުގެ އިރުމަތީ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ވަޒީރާބާދުގައި އަވަސް އިންތިޚާބަކަށް ގޮވާލައި ވެރިރަށުގައި ބޭއްވި މުޒާހަރާގައި އިސްކޮށް އުޅުއްވަނިކޮށް އިމްރާން ޚާންގެ ފައިކޮޅަށް ބަޑިޖަހައި ޒަހަމްކޮށްލިއެވެ.
މިހާރު ކުރިއަށްދާ ގައުމީ މަޖިލީހުގެ ދައުރު ހަމަވާނީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އިމްރާން ޚާން ގޮވާލާފައިވަނީ އިންތިޚާބު އަވަސްކޮށްދިނުމަށެވެ.
އިމްރާން ޚާންއަށް ދިން ހަމަލާއަށްފަހު, މުޒާހަރާތައް ވަނީ މެދު ކަނޑާލާފައެވެ. އޭގެ ފަހުން އިމްރާން ގެންދަވަނީ ވީޑިއޯ ލިންކް މެދުވެރިކޮށް ކޮންމެ ދުވަހަކު ވެސް ސަޕޯޓަރުންނާ މުހާތަބު ކުރައްވަމުންނެވެ. ނަމަވެސް މިދިޔަ ހަފުތާ ބަންދުގައި އޭނާ ވަނީ ހޮނިހިރު ދުވަހު ރާވަލްޕިންޑީއަށް އެއްވުމަށް ޕާޓީގެ މެންބަރުންނަށް އަންގާފައެވެ.