ދުނިޔެ

ޗައިނާއިން ޖާސޫސް ކުރާ ކަމަށް ބުނެ އެމެރިކާއަށް ބައެއް ތަކެތި އެތެރެކުރުން މަނާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ އިން އުފައްދާ ޓެލެކޮމިޔުނިކޭޝަން ދާއިރާގެ ބައެއް އުފެއްދުންތަކާއި އަދި ވީޑިއޯ ނަގަން ބޭނުންކުރާ ބައެއް ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފިއެވެ.

Ads by WAMCO

އެމެރިކާގެ ފެޑެރަލް ކޮމިޔުނިކޭޝަން ކޮމިޝަން (އެފްސީސީ) އިން ބުނީ ޗައިނާގެ ހުވާވޭއާއި، ޒޭޑްޓީއީ ފަދަ ނަން މަޝްހޫރު އެތައް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމީ އެމެރިކާގެ ގައުމީ ސަލާމަތަށް ހުރަސްއަޅާތީ ކަމަށް ބުންޏެވެ.

އެމެރިކާގެ މި ނިންމުމާ ގުޅިގެން ޗައިނާ ހައިޓޭރާ ކޮމިޔުނިކޭޝަންސް، ހަންގްޒޮއު ހިކްވިޒަން ޑިޖިޓަލް ޓެކްނޮލޮޖީ އަދި ދަހުއާ ޓެކްނޮލޮޖީ ކުންފުނީގެ އެއްވެސް އުފެއްދުމެއް އެމެރިކާއަށް އެތެރެކުރުން މަނާވާނެއެވެ. އެމެރިކާގެ ނިންމުމާ ގުޅިގެން ޗައިނާގެ ކުންފުނިތަކުން ރައްދުގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއަށް ޖާސޫސު ކުރާ ކަމަށް ޗައިނާގެ ބައެއް އުފެއްދުންތައް އެމެރިކާއަށް އެތެރެކުރުން މީގެކުރިންވެސް މަނާކޮށްފައިވެ އެވެ. ނަމަވެސް ޗައިނާ އިން އަބަދުވެސް އެ ތުހުމަތުތައް ދޮގުކުރެއެވެ.

އެމެރިކާގެ ސަލާމަތީ އިދާރާތަކުން ތުހުމަތުކުރާ ގޮތުގައި ހުވާވޭ ފަދަ ޗައިނާގެ ކުންފުނިތަކުން އުފައްދާ ވަސީލަތްތަކުގެ ޒަރިއްޔާއިން ފައިވް-ޖީ ވަޔަލެސް ނެޓްވޯކްތަކުން ހިއްސާކުރެވޭ ސެންސިޓިވް މައުލޫމާތުތައް އެއްކުރެއެވެ.

އެފްސީސީގެ ރައީސް ބްރެންޑަން ކާރް ވިދާޅުވީ މިއީ އެ ކޮމިޝަނުގެ ތާރީހުގައިވެސް މުވާސަލާތީ އަދި ކަރަންޓު ބޭނުންކުރާ ވަސީލަތްތަކަކުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނޭ ކަމުގެ ބިރުގައި އެފަދަ ވަސީލަތެއް އެމެރިކާ އަށް އެތެރެކުރުން ހުއްޓުވުމަށް ހުރިހާ މެމްބަރުން އެއްބަސްވީ ފުރަތަމަ ފަހަރު ކަމަށެވެ.

އެފްސީސީގެ ނިންމުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޑިމޮކްރެޓިކް އަދި ރިޕަބްލިކަން ޕާޓީގެ މެންބަރުންގެ ރުހުން ލިބިފައިވާ ކަމަށްވެސް ބްރެންޑަން ވިދާޅުވެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!