ދުނިޔެ

ޝަންހާއީގެ މުޒާހަރާއެއްގައި ނޫސްވެރިއަކަށް ފުލުހުން ހަމަލާދީފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާގައި ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޝަންހާއީގައި ބޭއްވި މުޒާހަރާ ކަވަރުކުރަން ދިޔަ އެގައުމުގެ ނޫސްވެރިއަކަށް ޗައިނާ ފުލުހުން ހަމަލާދީ އެތައް ގަޑިއިރެއް ވަންދެން ހިފަހައްޓާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

Ads by WAMCO

އިނގިރޭސި ޕަބްލިކް ސަރވިސް ބްރޯޑްކާސްޓަރުން އާދީއްތަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަންހާއީގައި ކުރިއަށްދިޔަ މުޒާހަރާތައް ކަވަރު ކުރަމުން ދަނިކޮށް ހައްޔަރުކުރި ނޫސްވެރިޔާ އެޑް ލޯރެންސްއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"އޭނާ ދޫކޮށްލުމުގެ ކުރިން އެތައް ގަޑިއިރެއް ވަންދެން ހައްޔަރުކޮށްފަ ބެހެއްޓި. އޭނާ ހައްޔަރުކުރި އިރު، ފުލުހުން ވަނީ އޭނާގެ ގައިގައި ތަޅައި ވަރަށް ބޮޑަށް އަނިޔާކޮށްފަ. އެއީ އެކްރެޑިޓެޑް ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް" ޕަބްލިކް ސަރވިސް ބްރޯޑްކާސްޓުން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ވަރުގަދަ ފިޔަވަޅުތަކާ ދެކޮޅަށް މުޒާހަރާ ކުރުމަށް ޝަންހާއީ، ބެއިޖިން އަދި އެހެނިހެން ސިޓީތަކުގެ މަގުތަކުގައި އާންމުން ދަނީ މުޒާހަރާ ކުރަމުންނެވެ.

ބެއިޖިންގައި ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ މި މައްސަލަ ރިޕޯޓްކޮށްފައިވާ ބީބީސީން ނެރުނު ބަޔާނުން ކަން ހިނގި ގޮތް ރަނގަޅަށް ސާފު ނުވާ ކަމަށެވެ. "އަހަރެމެންގެ ވިސްނުމަށް ބަލާއިރު ބީބީސީގެ ވާހަކައަކީ ހަގީގަތެއް ނޫން،" ތަރުޖަމާނު ޒާއޯ ލިޖިއާން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްގެ ތަރުޖަމާނު ވިދާޅުވީ ނޫސްވެރިޔާ ބަންދުގައި ބެހެއްޓުމަކީ ހައިރާންކުރުވަނިވި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޖޭމްސް ކްލެވާލީ ވިދާޅުވީ މީޑިއާގެ މިނިވަންކަމާއި މުޒާހަރާ ކުރުމުގެ މިނިވަންކަމަށް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.

ޗައިނާގައި ތިބޭ ރިޕޯޓަރުން އެފަދަ ހަރަކާތްތައް ކަވަރުކުރާއިރު އެކްރެޑިޓެޑްކޮށްފައި އޮންނަ ސަރުކާރުން ދޫކުރާ ކާޑެއް ގެންގުޅެން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!