ޗައިނާގައި ހުންނަ ބީބީސީގެ ރިޕޯޓަރު ހައްޔަރުކުރުމުން ސަފީރު ހާޒިރުކޮށްފި
ޗައިނާގައި ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޝަންހާއީގައި ބޭއްވި މުޒާހަރާ ކަވަރުކުރަން ދިޔަ އެގައުމުގެ ނޫސްވެރިއަކަށް ޗައިނާ ފުލުހުން ހަމަލާދީ ހައްޔަރުކުރި މައްސަލައިގައި ލަންޑަނުގައި ހުންނަވާ ޗައިނާގެ ސަފީރު އިނގިރޭސި ހާރިޖިއްޔާއަށް ހާޒިރުކޮށްފިއެވެ.
ބުކަރެސްޓްގައި އޮތް ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޭމްސް ކްލެވަރލީ ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ޗައިނާގެ ސަފީރު ހާޒިރުކުރައްވާފައިވާ ކަމަށެވެ.
"މީޑިއާގެ މިނިވަންކަން ހިމާޔަތް ކުރުމަކީ ވަރަށް މުހިންމު ކަމެއް. މިއީ އިނގިރޭސިވިލާތުގެ ބިލީފް ސިސްޓަމްގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ ކަމެއް، ނޫސްވެރިންނަށް އެއްވެސް އަނިޔާއެއް އަދި ހަމަލާއެއް ދެވިގެން ނުވާނެ” އޭނާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސަފީރު ޒެންގް ޒެގުއާންގް ޗައިނާ އެމްބަސީގެ ވެބްސައިޓުގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ މައްސަލައިގައި އަމަލުކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރުމުގެ އާދައިގެ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ. އަދި ލޯރެންސް ހައްޔަރުކޮށް މާރާމާރީ ހިންގި ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ސަފީރު ވިދާޅުވިއެވެ.
މީގެ އިތުރުން މިފަދަ އަސާސެއް ނެތް ތުހުމަތުތަކަކީ ޗައިނާގެ ފަރާތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، އިނގިރޭސިވިލާތުގެ މީޑިއާތަކުން ޗައިނާއަށް ފޮނުވާ ރިޕޯޓަރުންނަށް މިހާރަށް ވުރެ ރަނގަޅަށް ކަންކަން ކިޔައިދީ ތައުލީމު އުނގަންނައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ރިޝީ ސުނަކްގެ ތަރުޖަމާނު ވިދާޅުވީ ނޫސްވެރިޔާ ބަންދުގައި ބެހެއްޓުމަކީ ހައިރާންކުރުވަނިވި އަދި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.