ޑްރަގް ވިޔަފާރީީގެ ބޮޑު ނެޓްވޯކެއް އަތުލައިގެންފި

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިިޔަފާރިކުރާކަމުގެ ތުހުމަތުގައި ހަ މީހަކު ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.
އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ. ޝަރީޢަތް ނިމެންދެން ބަންދުކޮށްދިނުމަށް ފުލުހުން އެދިލެއްވި ނަމަވެސް ތިން މީހެއްގެ ބަންދަށް ގާޒީ ދެއްވީ 30 ދުވަހެވެ. ދެ މީހެއްގެ ބަންދަށް 25 ދުވަސް ދެއްވިއިރު ޝަރީޢަތް ނިމެންދެން އެކަކު ބަންދުކުރަން ވަނީ ޢަމުރު ކުރައްވައިފައެވެ.
ކޯޓު ޢަމުރުގައިވާ ގޮތުން އެ މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ އަމަލު ހިންގާފައިވަނީ ގިނަ އިންތިޒާމުތަކެއް ރޭވިފައިވާ ނެޓްވޯކެއްގެ ތެރެއިންނެވެ.
ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބުމުން ފާސްކުރެވުނު ތަންތަނުން އެކި ގޮތް ގޮތަށް ޕެކްކޮށްފައިވާ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ކޯޓު ޢަމުރުގައިވެއެވެ. އޭގެއިތުރުން މަސްތުވާތަކެތި ޕެކްކުރުމަށް ބޭނުންކުރާ މެޝިންތަކާއި ސެލޯފިނާއި ކައްޓާތައް ފެނިފައިވާ ކަމަށް ވެސް ޢަމުރުގައިވެއެވެ.
ނަމަވެސް އެ ތަކެތި ފެނިފައިވަނީ ކޮންތަނަކުން ކަމާއި އެ ތަންތަނުން ފެނުނީ ކިހާ މަސްތުވާތަކެއްޗެއް ކަމެއް ޢަމުރުގައި ބަޔާންކޮށްފައެއް ނުވެއެވެ.