ދީފާނެ ހަމަލާއަކުން ދިފާއުވާން ޕާކިސްތާނު އޮތީ ވަރަށް ބޮޑަށް ތައްޔާރަށް: ޖެނެރަލް އާސިމް

ޕާކިސްތާނުގެ އަސްކަރިއްޔާއިން ތިބީ ދީފާނޭ ހަމަލާއަކުން އެ ގައުމު ދިފާއުކުރަން ތައްޔާރަށް ކަމަށް ޕާކިސްތާންގެ ސިފައިންގެ އިސްވެރިޔާގެ މަގާމަށް އަލަށް އައްޔަންކުރެއްވި ލެފްޓިނެންޓް ޖެނެރަލް އާސިމް މުނީރު ވިދާޅުވެއްޖެ އެވެ.
އާސިމް މިހެން ވިދާޅުވީ ޕާކިސްތާނާއި އިންޑިއާގެ ދެމެދު އަބަދު މައްސަލަ ޖެހޭ ކަޝްމީރު ބޯޑަރަށް އިއްޔެ ކުރެއްވެވި ދަތުރުފުޅަކަށް ފަހު ނެރުއްވި ބަޔާނެއްގަ އެވެ.
މި ބަޔާނުގައި ވިދާޅުވެފައިވަނީ އަސްކަރިއްރާއިން ތައްޔާރުވަނީ ހަމައެކަނި ދީފާނެ ހަމަލާއަކުން ގައުމު ދިފާއު ކޮށްދިނުމަށް އެކަނި ނޫން ކަމަށެވެ. ދުޝްމަނުން ހަނގުރާމައެއް ފަށައިފިނަމަ ރައްދުގައި ހަނގުރާމަކުރުމުގެ ގާބިލްކަން އޮތް ކަމުގެ ޔަގީންކަންދޭ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އާސިމް ވިދާޅުވި ގޮތުގައި ޕާކިސްތާނުގެ މައްޗަށް ދުޝްމަނުންނަށް ދެން ދުވަހަކުވެސް އަތްގަދަ ނުކުރެވޭނެ އެވެ.
އާސިމްގެ ބަޔާން އަމާޒުކުރައްވާފައިވަނީ އިންޑިއާއަށް ކަމަށްވީ ނަމަވެސް އެ ގައުމުން އަދި މިބަޔާނަށް ރައްދު ދީފައެއް ނުވެ އެވެ.
އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނާތް ސިންގު މިދިޔަ އޮކްޓޯބަރު މަހު ވިދާޅުވި ގޮތުގައި އިންޑިއާ އަސްކަރިއްޔާ އޮތީ ޕާކިސްތާނުގެ ގިލްގިޓް-ބަލްތިސްތާނާއި ހަމައަށް ދާންޖެހިއްޖެނަމަ އެކަމަށްވެސް ތައްޔާރަށް ކަމަށއވެ. އިންޑިއާ އިން ދެކޭ ގޮތުގައި އެ ސަރަހައްދަކީ ކަޝްމީރުގެ ތެރޭގައިވާ އަދި ޕާކިސްތާނުން ނުހައްގުން ހިސާރޮކޮށްގެން އުޅޭ ތަނެކެވެ.