ވަރުގަދަ ސްޕެއިން ޓީމު ބަލިކޮށް މޮރޮކޯގެ ތާރީޚުގައިވެސް، އެންމެ ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ކުއަރޓަރ ފައިނަލުން ޖާގަ ހޯދައިދިން އެންމެ މުހިންމު އެއް ފަރާތަކީ އެ ޓީމުގެ ކީޕަރު ޔަސީން ބޯނޯއެވެ.
މެޗުގެ ވަގުތު ހަމަވެ ޕެނަލްޓީއަށް ދިޔުމުން ސްޕެއިންއިން ޖެހި 2 ޕެނަލްޓީ މަތަކޮށް މޮރޮކޯއަށް ކުއަރޓާރ ފައިނަލުން ޖާގަ ހޯދައިދިން ޔަސީން މެޗުގެ ތެރެއިންވެސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން ސްޕެއިންގެ ކޮޅުން ފޮނުވާލި ނުރައްކާތެރި އެތައް ހަމަލާއެއް އޭނާ ވަނީ މަތަކޮށްފައެވެ.
ޔަސީން ބޯނޯ މިހާރު ކުޅެމުން ދަނީ ލަލީގާގެ މަޝްހޫރު ސެވިލާ ކުލަބަށެވެ. މީގެ ކުރިން އޭނާ ވަނީ އެތްލެޓިކޯ މެޑްރިޑަށްވެސް ކުޅެފައެވެ.
މި ވޯލްޑް ކަޕްގައި އޭނާ ޚަބަރުތަކުގެ ފަލަ ސުރުޚީއަށް އެރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ޤައުމީ ސަލާމުގައި ޓީމާއެކު ބައިވެރިވުމަށް ފަހު ދެން ފެނިގެން ދިޔައީ އޭނާގެ ބަދަލުގައި އެހެން ކީޕަރެއް މެޗު ފެށި ތަނެވެ. ބީބީސީއިން މިއާމެދު ރިޕޯޓު ކޮށްފައިވަނީ ބޯނޯ ކުއްލިއަކަށް ބަލިވުމުން އޭނާ މެޗުން ބާލަން ޖެހުނީ ކަމަށެވެ.
ސްޕެއިން އާ އެއްކޮށް ކުޅުނު މެޗަށް ފަހު މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ޑްރެސިންގް ރޫމްއިން އެންމެ ފަހުން ނިކުތީ އޭނާ ކަމަށް ވިޔަސް، އޭނާ ގާތަށް ސުވާލުކުރުމަށް އައި ކޮންމެ ރިޕޯޓަރަކަށްވެސް އޭނާ ހިނިތުންވުމަކާއެކު އިންޓަވިޔު ދެމުން ދިޔައެވެ.
"އަހަރެމެން އެންމެންވެސް މިތިބީ ވަރަށްވެސް އުފަލުން. އަހަރެމެންނަށް މިހާރު ޤަބޫލުކުރެވޭ މި މޮޅަކީ ހަމައެކަނި މޮރޮކޯގެ ރައްޔިތުންނަށް ލިބުނު މޮޅެއް ނޫންކަން. ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި އަޅުގަނޑު މެންނަށް ލިބެމުން އަންނަ ތަރުޙީބަކީ މިއަދުގެ މި މޮޅުގެ އެއް ސަބަބުކަމުގައި ދެކެން." އޭނާ ދިން އެއް އިންޓްވިއުއެއްގައި ބުނެއެވެ.
މޮރޮކޯ ކުއަރޓާ ފައިނަލްގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ ޕޯޗުގަލްއާއެވެ. ނޮކްއައުޓް ސްޓޭޖުގައި ޕޯޗުގަލް ވަނީ ސްވިޓްޒަލޭންޑް އަތުން 1-6 އިން ކުރި ހޯދާފައެވެ.