ބަންގާޅުގައި ސަރުކާރާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރާ ދެކޮޅަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެތައް ހާސް ސަޕޯޓަރުން އެއްވެ، އާ އިންތިޚާބަކަށް ގޮވާލައިފިއެވެ.
ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ގޮލަޕްބާގް ސްޕޯޓްސް ދަނޑުގައި ހޮނިހިރު ދުވަހު މުޒާހަރާގެ ބައިވެރިން އެއްވި އިރު، "ޝެއިޚް ހަސީނާ އަކީ ވޯޓު ވަގަށް ނެގި މީހެއް" ކަމަށް ބުނެ އަޑުއުފުލިއެވެ.
މި އެއްވުން ބާއްވާފައި މިވަނީ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ މައި މަރުކަޒަށް ސަލާމަތީ ބާރުތަކުން މިދިޔަ އަންގާރަ ދުވަހު ވަދެފައި ވަނިކޮށެވެ. މި އޮޕަރޭޝަންގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ.
ކަރަންޓު ކެނޑުމާއި ތެލުގެ އަގު ބޮޑުކުރުމާ ގުޅިގެން ފާއިތުވި މަސްތަކުގައި ބަންގާޅުގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ވަނީ ފަށައިފައެވެ.
ބީއެންޕީގެ އޮފިޝަލަކު ވިދާޅުވީ ހޮނިހިރު ދުވަހުގެ އެއްވުމުގައި ދެ ލައްކައެއްހާ މީހުން ބައިވެރިވި ކަމަށެވެ. ޑާކާ މެޓްރޮޕޮލިޓަން ޕޮލިސްގެ ތަރުޖަމާނު ފާރޫގު އަހްމަދު ވަނީ އެ ވާހަކަ ތައް ދޮގުކުރައްވައި، އެ ތަނަށް 30،000 އަށް ވުރެ ގިނަ މީހުން ނުތިބެވޭނެ ކަމަށް ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު ޑިމާންޑަކީ ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވައި މަޖިލިސް އުވާލައި، މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުން،" ބީއެންޕީގެ ތަރުޖަމާނު ޒާހިރުއްދީން ސްވަޕަން ވިދާޅުވި އެވެ.
ތަރުޖަމާނު އަހްމަދު ވިދާޅުވީ މުޒާހަރާތައް ސުލްހަވެރި ކަމަށާއި ނަމަވެސް ސްވޮޓް ޓީމުތަކާއި ކައުންޓާ ޓެރަރިޒަމް ޔުނިޓްތަކާއި ކެނައިން ސްކޮޑްތައް ތިބީ ތައްޔާރީ ހާލަތުގައި ކަމަށެވެ. ފުލުހުން ވަނީ އެ ސިޓީގެ މަގުތަކުގައި ޗެކްޕޮއިންޓްތައް ބަހައްޓައި އެތަނުގެ ސެކިއުރިޓީ ވެސް ވަރުގަދަކޮށްފައެވެ.