ފިރިމީހާ ރަށުން ދިޔައީ ސަލާމަތް ނުވެވޭނެކަން އިނގޭތީ: ނިޝާމާގެ ކޮއްކޮ

ހދ. ނޮޅިވަރަމް ހިތަށްފިނިވާގޭ ނިޝާމާ މުހަންމަދު މަރުވެފައި އޮއްވާ ފިރިމީހާ އދ. ފެންފުށި ރޯޒީ ވިލާ/ އަބޫބަކުރު ފައިސަލް 32 ރަށުން ފުރައިގެން ދިޔައީ ސަލާމަތް ނުވެވޭނެކަން އިނގޭތީ ކަމަށް ނިޝާމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުހައްމަދު ބުނެފިއެވެ.
“ވަގުތު”ނޫހަށް މައުލޫމާތު ދެމުން އަލީ ބުނީ ނިޝާމާ އަށް ފައިސަލް އަނިޔާ ކުރާކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި އެ ކޮޓަރީގައި އެ ދެމަފިރިންނާއި ދަރިން ފިޔަވާ އިތުރު އެއްވެސް ބަޔަކު ނޫޅޭ ކަމަށާއި ނިޝާމާ ނިޔާވި ވަގުތުވެސް އިތުރު ބަޔަކު ކޮޓަރިއަށް ވަދެފައި ނުވާ ކަމަށް އަލީ ބުންޏެވެ.

ނިޝާމާގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަލީ މުހައްމަދު | ފޮޓޯ: ވަގުތު
އަލީ ބުނީ ދެ މީހުންގެ ދޭތެރޭގައި މައްސަލަ ޖެހޭ ކަމަށާއި “ކޮންމެވެސް ވަރަކަށް ގައިގައި ވެސް އަތްލާ ހަދާ، އެކަންކަން އެބަހުރި ބައެއް ފަހަރު ފެނިފައި. ނިޔާވުމަކީ އޭނާގެ ފުށުން ވި ކަމެއް" ކަމަށެވެ.
ނިޝާމާ ނިޔާވެފައި އޮއްވާ ފެނުނުތާ 15 ވަރަކަށް މިނެޓު ކުރިން ފައިސަލް ދިޔައީ އެ ރަށު ކުލީ ލޯންޗެއްގައި ކުޅުދުއްފުއްޓަށެވެ. އަލީ ބުނި ގޮތުގައި ފައިސަލް ރަށުން ފިލައިގެން ދިޔައީ ރަށުގައި ހުރި ނަމަ، ސަލާމަތެއް ނުވާނެ ކަން އޭނާ އަށް އެނގޭނެތީ ކަމަށެވެ.
އަލީ ބުނީ ފައިސަލް ގެއިން ނިކުމެގެން ދިޔަ ވަގުތާއި ނިޝާމާ ނިޔާވެފައި އޮއްވާ ފެނުމާއި ގަޑިތަކާ ދިމާވާ ކަމަށެވެ. އެހެންކަމުން ނިޝާމާ މަރާލި ކަމުގެ ތުހުމަތު ކުރެވެނީ ފައިސަލްއަށް ކަމަށް ބުންޏެވެ.
”ގާތްގަނޑަކަށް 11:45 އާއި 12:15 އާ ދޭތެރޭގައި އެކަމެއް ހިނގީ. 30 މިނެޓުގެ ވަގުތުކޮޅެއް އެއީ” ވަގުތު ނޫހަށް ދިން އިޓަވިއުގައި އަލީ ބުންޏެވެ.
ނިޝާމާ މަރާލާފައިވަނީ ނޭވާ ހާސްކޮށްގެން ކަމަށް ބައެއް މީހުން ދަނީ ތުހުމަތު ކުރަމުންނެވެ. އެގޮތަށް ތުހުމަތު ކުރެވެނީ މަރުވެފައި އޮތްއިރު މޫނު ވަރަށްބޮޑަށް ނޫވެފައި އޮތުމުންނެވެ. ނިޝާމާ ފެނުނުއިރު އޭނާގެ ހަބަރު އޮތީ ހުސްވެފައެވެ.