ދުނިޔެ

ޗައިނާގެ ހުމާއި ބެހޭ ކްލިނިކްތަކުގައި ދިގު ކިއޫތަކެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް ލުއިދިނުމާ ގުޅިގެން ހަލުވިކަމާ އެކު މި ބަލި ފެތުރެންފަށައިފާނެ ކަމުގެ ބިރު ހީވެ، ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެއްޖެއެވެ. ޗައިނާގައި އަމަލު ކުރަމުންދިޔަ "ޒީރޯ ކޮވިޑް" ސިޔާސަތުގެ ދަށުން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް އެ ޤައުމުން ލުއިތަކެއް ދީފައި ވަނީ ޑިސެންބަރު 7ވަނަ ދުވަހުން ފެށިގެންނެވެ.

Ads by Sosun Fihaara

ބައެއް ލުއިތަކުގެ ތެރޭގައި ބަލި ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ މީހުންނާއި، ބަލި ޖެހިފައިވާ މީހުންނާ އެއްތަންވެފައިވާ މީހުން ޓެސްޓު ކުރުމަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުން ހިމެނެއެވެ. އަދި، ބަލި ޖެހިފައިވާ މީހުންނާއި، އެއްތަންވެފައިވާ މީހުން ކަރަންޓީނު ކުރުމުގެ ސިޔާސަތަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.

ނަމަވެސް، ލުއިތަކާ އެކު ބަލީގެ ކޭސްތަކުގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. އަދި، މާހިރުން ވަނީ، ބަލި ޖެހޭ މީހުންގެ އަދަދު ހާހުން އިތުރުވާނެ ކަމުގެ އިންޒާރު ދީފައެވެ. މި ކަމާ ގުޅިގެން ވެރިރަށް ބެއިޖިންގްގެ ގިނަ ފިހާރަތަކާއި ވިޔަފާރިތައް ވަނީ ބަންދުކޮށްފައެވެ.

ވިޔަފާރިތައް ބަންދުކޮށްފައިވާ އެއް ސަބަބަކީ، ހަލުވިކަމާ އެކު ބަލި ފެތުރެމުން ދިޔުމެވެ. އަނެއް ސަބަބަކީ، ބަލި ޖެހިފައިވާ މީހުންނާ އެއްތަންވެ، ފިހާރަތަކާއި އޮފީސްތަކުގެ އިތުރުން އެހެނިހެން ވިޔަފާރިތަކުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބަޔަކު ކަރަންޓީނުވާން ޖެހުމެވެ. އަދި، ބަލި ފެތުރުން ޢާންމުވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަޒީފާއަށް ނިކުތުމަށް ދެކޮޅު ހަދަމުންދާ ކަމުގައި ވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ޗައިނާގެ އެޕިޑެމިއޮލޮޖިސްޓެއް ކަމުގައިވާ ޜޮންގް ނަންޝަން ވިދާޅުވީ، ބޮޑެތި ރަށްތަކުގައި އެންމެ ހަލުވިކަމާ އެކު ފެތުރެމުންދަނީ އޮމިކްރޯން ވޭރިއެންޓް ކަމުގައެވެ. އަދި، ބަލި ޖެހޭ ކޮންމެ މީހެއްގެ ފުށުން، އިތުރު 18 މީހަކަށް ބަލި ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ބައެއް ރަށްރަށުގައި ބަލި ޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް އަރާފައިވާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޓެސްޓު ކުރުމަށް ދިން ލުއިތަކާ އެކު ޓެސްޓު ހަދާ މީހުންގެ އަދަދު މަދުވުމުގެ ސަބަބުން، ބަލި ޖެހިފައިވާ މީހުންގެ އަދަދު ދެނެގަތުމަށް އޮފިޝަލުންނަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ޗައިނާގައި އަމަލު ކުރަމުންދާ "ޒީރޯ ކޮވިޑް" ސިޔާސަތާ ގުޅިގެން އެ ޤައުމުގެ ވިޔަފާރިތަކަށާއި އިޤުތިޞާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ޤައުމުގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް މިހާރު އަންދާޒާ ކުރެވިފައި ވަނީ 1.6 އިންސައްތައިންނެވެ. އަދި، ދެވަނަ ކުއާޓަރުގެ އެ އަދަދު 4.9 އިންސައްތައަށް ކުރިއަރާނެ ކަމަށް އިޤުތިޞާދީ މާހިރުން އަންދާޒާ ކުރެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ޗައިނާއިން ލުއިދޭން ފަށާފައިވީ ނަމަވެސް، އެ ޤައުމުގެ ބޯޑަރުތައް އަދިވެސް އޮތީ ޢާންމު ގޮތެއްގައި ބަންދުކޮށްފައެވެ. ޚާއްޞަކޮށް، ފަތުރުވެރިންނާއި އެހެން ޤައުމުތަކުގެ ރައްޔިތުންނަށް ބޯޑަރުތައް އަދިވެސް ހުޅުވައިލާފައެއް ނުވެއެވެ. ނަމަވެސް، އެ ކަމަށް ވެސް ލުއިތަކެއް ދޭން އުޅޭ ކަމުގެ އިޝާރާތެއް ޗައިނާގެ ސަރުކާރުން ވަނީ ދީފައެވެ.

މިހާރު އަމަލު ކުރަމުންދާ ސިޔާސަތުގެ ދަށުން އެ ޤައުމަށް އެތެރެވާ މީހުން ފަސް ދުވަހުގެ ކަރަންޓީނެއް ފުރިހަމަ ކުރަން ޖެހެއެވެ. އަދި، ސަރުކާރުން ދައްކާ މަރުކަޒެއްގައި ކަރަންޓީނު ފުރިހަމަކުރުމަށް ފަހު، އިތުރު ތިން ދުވަސް ވަންދެން ގޭގައި ވެސް ކަރަންޓީނު ކުރަން ޖެހެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!