ދުނިޔެ

ޕާކިސްތާނުގެ ޗެކްޕޮއިންޓަކަށް އަފްޣާނިސްތާނުން ހަމަލާދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނާއި އަފްޣާނިސްތާން ގުޅޭ ސަރަޙައްދީ އިން ކައިރީގައި އޮންނަ ޗެކްޕޮއިންޓަކަށް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުން ދިން މޯޓަރު ބަޑީގެ ހަމަލާތަކެއްގައި ޢާންމުންގެ ހަ މީހުން މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައި ވަނީ ބަލޮޗިސްތާން ޕުރޮވިންސުގެ ރަށެއް ކަމުގައިވާ ޗަމަންގައި އޮންނަ ޗެކްޕޮއިންޓެއްގައެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ ތާލިބާނުން ދިން ހަމަލާތަކުގައި 12 ވަރަކަށް މީހުން ޒަޚަމުވި ކަމުގައި ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ. އަދި، މި ހަމަލާއަކީ އިންސާނިއްޔަތުކަމެއް ނެތް އަމަލެއްގެ ގޮތުގައި ސިފަކޮށް، ތާލިބާނުން ހަމަލާދީފައި ވަނީ އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި ކަމުގައި ވެސް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން ޕާކިސްތާނުގެ އަސްކަރިއްޔާއިން ވެސް ވަނީ ރައްދުގައި ތާލިބާނުންނަށް ހަމަލާދީފައެވެ. ޕާކިސްތާނުން ދިން ހަމަލާތަކުގައި އެކަކު މަރުވެ އިތުރު 10 މީހަކު ޒަޚަމުވި ކަމަށާއި، ޒަޚަމުވި މީހުންގެ ތެރޭގައި ޢާންމުންގެ ތިން މީހުން ހިމެނޭ ކަމުގައި އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެއެވެ.

މި ހާދިސާއާ ގުޅިގެން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ތިބޭ ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ އޮފިޝަލުން ވަނީ، އަފްޣާނިސްތާނުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، މި ހަމަލާގައި ޒިންމާވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ވެސް ގޮވައިލާފައެވެ.

ޗަމަންގައި އޮންނަ ސަރަޙައްދީ ރޮނގު ހުރަސްކޮށް، ކޮންމެ ދުވަހަކު ވެސް ދެ ޤައުމުގެ ދެމެދުގައި އެތަކެއް ހާސް ބަޔަކު ދަތުރު ކުރެއެވެ. މީގެ ތެރޭގައި ގިނައީ ވިޔަފާރިވެރިންނާއި، ޕާކިސްތާނުން ޞިއްޙީ ޚިދުމަތްތައް ހޯދުމަށް އެ ޤައުމަށް އެތެރެވާ އަފްޣާނިސްތާނުގެ ރައްޔިތުންނެވެ.

ހުސްވި ނޮވެންބަރު މަހު ވެސް އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ތާލިބާނުން ވަނީ ޗަމަން ޗެކްޕޮއިންޓުގައި ހުރި ޕާކިސްތާނު ސިފައިންގެ މީހަކަށް ހަމަލާދީ، އޭނާ މަރައިލާފައެވެ. މި ހާދިސާއާ ގުޅިގެން ހަފުތާއެއްގެ މުއްދަތަކަށް ސަރަޙައްދީ ރޮނގު ބަންދު ކުރިއެވެ. 2021ވަނަ އަހަރުގެ އޮގަސްޓު މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ އަމިއްލައަށް ހަވާލުވި ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވަނީ ނުރަނގަޅު އަސަރުތަކެއް ކޮށްފައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މެންބަރުންނަށް އަފްޣާނިސްތާނުގެ ސަރުކާރުން ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭ ކަމުގައި ޕާކިސްތާނުން ތުހުމަތު ކުރެއެވެ. ނަމަވެސް، ތާލިބާނުން އެ ކަން ދޮގު ކުރެއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައި އޮންނަ 2,700 ކިލޯމީޓަރު ދިގު ސަރަޙައްދީ ރޮނގުގެ ބައެއް ހިސާބުތަކުގައި ޕާކިސްތާނުން ފެންސު ޖަހަން ފެށުމުން ތާލިބާނުން ވަނީ އެ ކަމާ ނުރުހުން ފާޅުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!