ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު ޢަލީ ހާޝިމާ ބައްދަލުކުރަން ނިންމައިިފިއެވެ.
އެ ކޯލިޝަނުން ބުނީ ދައުލަތުގެ ރިޒާވްގައި ކާޑުގެ ބާވަތްތައް ގަންނަން ފައިސާނެތި ރިޒާވް ހުސްވެ ރައްޔިތުން ބަނޑަށްޖެހިދާނެކަމުގެ ބިރު އޮތުމުން ގަވަރުނަރާ ބައްދަލުކުރަން ނިންމާފައިވާ ކަމަށެވެ.
ބައްދަލުކުރަން ހަމަޖެހިފައި އޮތީ މިއަދު 11:00 ގައެވެ.
ދާދިފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ނަޝީދު ވެސް ވަނީ މި ވަގުތު ރާއްޖޭގެ ފޮރިން ކަރަންސީ ރިޒާވް ހުރި މިންވަރު ދެނެގަތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
އެގޮތުން ތެލަށާއި ކާޑަށް ދައްކާން ހުރި ފައިސާ ރިޒާވްގައި އެބަހުރިތޯ ދެނެގަންނަންޖެހޭ ކަމަށާއި ނަމަވެސް މަނިކުފާނުގެ ކަންބޮޑުވުމަކީ އެ ކަންކަމާ ދޭތެރޭ ޝައްކު އުފެދޭތީ ކަމަށް ވިދާޅުވިއެވެ.
އަދި ރާއްޖެ ބަނގުރޫޓުވުމުގެ މަގަށްދާ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ޖެހިވަޑައިގެންފިނަމަ, އެކަން ވާނީ އެ މަނިކުފާނަށް ވަރަށް ލަދުވެތިކަމަކަށް ކަމަށް ވެސް ވިދާޅުވިއެވެ.