ޚަބަރު

ޕާކިސްތާނުގައި ކާބޯތަކެތި ހުސްވެ، ޤައުމު ބަނޑަށް ޖެހެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް މި އަހަރު ކުރިމަތިވި ނުރައްކާތެރި ފެން ބޮޑުވުމުގެ ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައިވާ އެތަކެއް މިލިޔަން ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅިފައިވާ ކަން އ.ދ.އިން ހާމަކޮށްފިއެވެ.

Ads by STELCO

ޕާކިސްތާނުގައި ހުންނަވާ އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޖޫލިއަން ހަރްނީސް ވިދާޅުވީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ޤައުމުން ކާބޯތަކެތި ހުސްވެ، ހާލުގައި ޖެހިފައިވާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅޭނެ ކަމުގައެވެ.

"އަޅުގަނޑުމެންނަށް މިހާރު ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ މިންވަރަށް ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުން. އެހީގެ ގޮތުގައި ލިބިފައި ހުރި ކާބޯތަކެތި ޖަނަވަރީ މަހުގެ ތެރޭގައި ހުސްވާނެ،" ހަރްނީސް ވިދާޅުވިއެވެ.

ފެން ބޮޑުވުމާ ގުޅިގެން ޕާކިސްތާނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދޭން 816 މިލިޔަން ޑޮލަރު ބޭނުންވާނެ ކަމުގައި އ.ދ.އިން ވަނީ އިޢުލާނު ކޮށްފައެވެ. އަދި، އެހީއަށް އެދި ބައިނަލްއަޤުވާމީ މުޖުތަމަޢުގައި އެދުނު ނަމަވެސް، އެހީގެ ގޮތުގައި ލިބިފައި ވަނީ އެންމެ 262 މިލިޔަން ޑޮލަރު ކަމުގައި އ.ދ.އިން ބުނެއެވެ.

ހޫނު މޫސުގައި ޕާކިސްތާނަށް ކުރި ވިއްސާރައިގައި އެ ޤައުމުގެ ތިންބައިކުޅަ އެއްބައިގައި ވަނީ ފެންބޮޑުވެފައެވެ. އަދި، 1,700 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލި، ދެ މިލިޔަނަށް ވުރެ ގިނަ ގެދޮރު ހަލާކުވިއެވެ. އަދި، އެތަކެއް މިލިޔަން މީހުން ހާލުގައި ޖެހި، އިންސާނީ އެހީއަށް ބަރޯސާވާން ޖެހުނެވެ.

އެ ޤައުމުގައި ކާބޯތަކެތީގެ އެހީއަށް ބާރޯސާވެފައިވާ މީހުންގެ އަދަދު މިހާރު ވެސް ހަތަރު މިލިޔަނަށް އަރައެވެ. މި އަދަދު، މި އަހަރުގެ ފިނިމޫސުމާ އެކު 5.1 މިލިޔަނަށް އިތުރުވާނެ ކަމަށް ޑަބްލިޔު.އެފް.ޕީ.އިން އަންދާޒާ ކުރެއެވެ. ފެން ބޮޑުވުމާ ގުޅިގެން އަށް މިލިޔަނަށް ވުރެ ގިނަ މީހުންނަށް ފަގީރުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމުގައި ވެސް އ.ދ.އިން ބުނެއެވެ.

ފެން ބޮޑުވުމުގައި ގެދޮރަށް ލިބުނު ގެއްލުމުގެ އިތުރުން ދަނޑުބިންތައް ވެސް ވަނީ ހަލާކުވެފައެވެ. އަދި، އެތަކެއް މިލިޔަނަށް ރައްޔިތުންނެއް އާމްދާނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ވިއްސާރައިގައި ފެން ބޮޑުވި ގިނަ ސަރަޙައްދުތަކުން މިހާރު ފެންގަނޑު ހިނދިފައި ވީ ނަމަވެސް، އަދިވެސް ބައެއް ސަރަޙައްދުތަކުގެ ޢިމާރާތްތައް އޮތީ ފެނު އަޑީގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!