އަންނަ އަހަރު ޗައިނާގައި ކޮވިޑް-19 ޖެހިގެން މިލިޔަނެއްހާ މީހުން މަރުވެދާނެ
ޗައިނާގައި މިހާރު ކޮވިޑް-19 ފެތުރެމުންދާ ހަލުވި މިނުގައި ބަލި ފެތުރުމުގެ ފުރުޞަތު ދީފިނަމަ، އަންނަ އަހަރުގެ ތެރޭގައި މިލިޔަނަކަށް ވުރެ ގިނަ މީހުން މަރުވާނެ ކަމަށް އަންދާޒާއަކުން ދައްކައިފިއެވެ. ޗައިނާއިން ދާދިފަހުން ވަނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް އަމަލު ކުރަމުންދިޔަ "ޒީރޯ ކޮވިޑް" ސިޔާސަތަށް ލުއިތަކެއްދީ، ގިނަ ފިޔަވަޅުތައް އުވައިލާފައެވެ.
އެއާ އެކު، ޗައިނާގެ ވެރިރަށް ބެއިޖިންގްގެ އިތުރުން އާބާދީ ބޮޑު އެހެން ރަށްތަކުގައި ވެސް ބަލި ފެތުރުން ކޮންޓްރޯލުން ނައްޓާފައިވާ ކަމުގައި އެ ޤައުމުން ވަނީ ބުނެފައެވެ. ހަލުވި މިނުގައި ބަލި ފެތުރުގެ ޖާގަދީފި ނަމަ، އެ ޤައުމުން މިލިޔަނެއްހާ މީހުން މަރުވާނެ ކަމަށް އަންދާޒާ ކޮށްފައި ވަނީ އެމެރިކާގެ އިންސްޓިޓިއުޓް އޮފް ހެލްތް މެޓްރިކްސް އެންޑް އިވެލުއޭޝަން (އައި.އެޗް.އެމް.އީ)އިން ކުރި އަންދާޒާއަކުންނެވެ.
އެ އަންދާޒާއިން ހާމަވާ ގޮތުގައި، ޗައިނާގައި ބެލި ޖެހޭ މީހުންގެ އަދަދު އެންމެ މައްޗަށް އަރާނެ ކަމަށް ނުވަތަ "ޕީކް"ވާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ އޭޕްރިލް މަހުއެވެ. އަދި، އެ މަހުގެ ތެރޭގައި 322,000 މީހުން ބަލީގައި މަރުވާނެ ކަމަށް ބެލެވޭއިރު، ޤައުމުގެ ޖުމުލަ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ތިބޭނީ ބަލި ޖެހިފައެވެ.
ނަމަވެސް، އެހެން ޖަމުޢިއްޔާއަކުން ހަދާފައިވާ ދިރާސާއަކުން ފެންނަ ގޮތުގައި، ޗައިނާގައި ބަލީގެ ކޭސްތަކުގެ އަދަދު އަންނަ ޖަނަވަރީ މަހު "ޕީކް"ވާނެއެވެ. އަދި، އާބާދީގެ 60 އިންސައްތަ މީހުންނަށް ބަލި ޖެހޭނެއެވެ. މި ކަމުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ކަމަށް ބެލެވެނީ އުމުރުން ދުވަސްވީ މީހުންނަށެވެ. ސަބަބަކީ، އުމުރުން 80 އަހަރުން މަތީގެ އާބާދީގެ ގިނަ މީހުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނެތުމެވެ.
ޗައިނާގައި މި ބަލީގައި މީހަކު މަރުވެފައިވާ ކަން އެންމެ ފަހުން އިޢުލާނު ކޮށްފައި ވަނީ ޑީސެންބަރު 3ވަނަ ދުވަހުއެވެ. އަދި، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އުވައިލިފަހުން މި ބަލީގައި މީހެއްގެ ފުރާނަ ގެއްލިފައިވާ ކަން ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ. ޗައިނާގައި މި ބަލީގައި މަރުވި މީހުންގެ އަދަދު ރެކޯޑު ކުރެވިފައި ވަނީ 5,235ގައެވެ.
ޗައިނާގައި އަމަލު ކުރަމުން ދިޔަ "ޒީރޯ ކޮވިޑް" ސިޔާސަތަކީ، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޤައުމަކުން އަމަލު ކުރަމުން ގޮސްފައިވާ އެންމެ ހަރުކަށި ސިޔާސަތެވެ. ނަމަވެސް، މި ފިޔަވަޅުތަކާ ދެކޮޅަށް ޢާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ތެދުވެ، އަޑުއުފުލަން ފެށުމުން، ޗައިނާގެ ސަރުކާރުން ވަނީ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައެވެ.
އަންނަ އަހަރު ޗައިނާއިން އެ ޤައުމުގެ އައު އަހަރު ފާހަގަ ކުރާނެއެވެ. އެއީ، 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޗައިނާގައި ގިނަ އަދަދެއްގެ ރައްޔިތުން ދަތުރުކުރާ ދުވަސްވަރެކެވެ. މިހާރު ވެސް ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާއިރު، ޗައިނާގެ އައު އަހަރާ ދިމާކޮށް ބަލީގެ ކޭސްތަކުގެ އަދަދު ކޮންޓްރޯލް ނުވާ މިންވަރަކަށް އިތުރުވާނެ ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން އަންދާޒާ ކުރެއެވެ.