އެންމެ މޮޅު ކުޅުންތެރިޔަކަށް މެސީ!

ވޯލްޑް ކަޕް 2022 ވަނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް، ޗެންޕިއަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ހޯދައިފިއެވެ.
މިއީ މި މަޤާމް މެސީ ހޯދި ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރު ފައިނަލްގައި އާޖެންޓީނާ ދަށްވި މެޗުގައި ވެސް މެސީ ވަނީ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
މި ވޯލްޑްކަޕްގައި މެސީގެ ހަތް ގޯލެއް ފެނިގެން ދިޔައެވެ. އޭގެ ތެރެއިން ދެ ގޯލް ފެނިގެން ދިޔައީ މިރޭ، ފްރާންސް އާ ދެކޮޅަށް ކުޅުނު ފައިނަލް މެޗްގައެވެ.
މެސީގެ ކެރިއަރުގެ ފުރަތަމަ ވޯލްޑްކަޕް މެސީ ކާމިޔާބު ކުރީ، ފްރާންސް ކައިިރިން އެއްވަރު ވުމުން ޕެނަލްޓީ ޖަހައިގެންނެވެ.
މިރޭގެ މެޗުގައި ފްރާންސް އަދި އާޖެންޓީނާއިން ވެސް ތިން ގޯލް ޖަހާފައިވެއެވެ. މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ،4-2 ގެ ނަތީޖާއަކުންނެވެ.
މެސީގެ ކެރިއަރުގައި މިހާރު ހޯދެން އޮތް ހުރިހާ ތަށްޓެއް މިހާރު ވަނީ ހޯދާފައެވެ.
މެސީގެ ކެރިއަރުގައި ވޯލްޑް ކަޕްގެ 13 ގޯލް މިހާތަނަށް ޖަހާފައިވާ އިރު، މިއީ އާޖެންޓީނާއަށް ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލް ޖަހައިދިން ކުޅުންތެރިޔާއެވެ.
މި އަހަރުގެ، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާއަށް ދޭ ގޯލްޑަން ބޫޓް ލިބިފައިވަނީ ފްރާންސްގެ އެމްބާޕޭއަށެވެ. އޭނާ ވަނީ މެސީއަށްވުރެ އެއް ގޯލް އިތުރަށް ޖަހާފައެވެ. އެއީ މިރޭގެ މެޗުގައި ހެދި ހެޓްރިކާއެކުގައެވެ.