ކުޅިވަރު ފުޓްބޯޅަ

ވޯލްޑް ކަޕްގައި މެސީ ލި "ބިޝްޓް" ގަންނަން ހުށަހެޅި އަގު އިނގޭތަ؟

ރައުފާ ރަޝީދު ، ދެން އޮންލައިން

ލިއޮނަލް މެސީ ވޯލްޑް ކަޕް ތަށި އުފުލާލުމަށް ސްޓޭޖަށް ނުކުތުމުގެ ކުޑަ އިރުކޮޅެއް ކުރިން ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ޘާނީ ވަނީ މެސީގެ ކޮނޑުގައި "ބިޝްޓް" ކިޔާ ކަޅު ކުލައިގެ ފޮތިގަނޑެއް އަޅުވައިފައެވެ.

Ads by STELCO

މެސީ ލި އަރަބި ސަގާފީ ހެދުން، ބިޝްޓް، ގަންނަން އޮމާނުގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަހުމަދު އަލް ބަރްވާނީ އެއް މިލިއަން ޑޮލަރު ހުށަހަޅައިފައެވެ.

ބަރްވަނީ ވިދާޅުވީ މެސީ މަޝްވަރާ ކުރަން ބޭނުންވާ ނަމަ، "އިތުރު ފައިސާ ދެއްކުމަށް ހުޅުވާލެވިފައިވާ" ކަމަށެވެ. އަދި ގަތަރުގެ އަމީރު މެސީއަށް ބިޝްޓް ދިން އިރު ސްޓޭޑިއަމްގައި  ލައިވްކޮށް ބަލަން އިންނެވި ކަމަށާއި އެވަގުތަކީ ވަރަށް ހާއްސަ ވަގުތެއް ކަމަށް ބަރްވަނީ ވިދާޅުވިއެވެ.

އަލް ބަރްވާނީ ވިދާޅުވި ގޮތުގައި ވޯލްޑް ކަޕަކީ އަރަބި ގައުމުތަކަށް ވަރަށް ބޮޑު އަހަންމިއްޔަތެއް އޮތް މުބާރާތެއް ކަމަށާއި "ބިޝްޓް" އަކީ ވިސްނުންތެރިކަމާއި ކެތްތެރިކަމާއި ތެދުވެރިކަމާއި ދީލަތިކަމާއި ސައްހަކަން ރަމްޒުކޮށްދޭ ފޭރާމެއް ކަމަށެވެ.

އެ ފޭރާމާއި ގުޅިގެން މެސީ އަރަބި ހެދުމެއްގައި ފޮރުވިފައި ވަނީ ކީއްވެތޯ ގިނަ ސަޕޯޓަރުން ސުވާލު އުފައްދަމުން އަންނައިރު، ބައެއް ސަޕޯޓަރުން ބުނަމުން ދަނީ އެއީ "އައިކޮނިކް މޮމެންޓެއް ހަލާކުކޮށްލި" ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!