ޚަބަރު ދުނިޔެ

ހުޅަނގުގެ ޤައުމުތަކުން ޤަތަރަށް ހަޖޫ ޖަހަނީ ނޭނގޭތީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ހުޅަނގުގެ ޤައުމުތަކުން، ޤަތަރަށް ހަޖޫ ޖަހަނީ، އެބައިމީހުންނަށް ކަންކަން ނޭނގޭތީ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara
Ads by Sosun Fihaara

އާދީއްތަ ދުވަހުގެ ރޭ، ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި، މިއަހަރުގެ ވޯލްޑްކަޕް ފައިނަލް މެޗަށްފަހު، މުބާރާތް ކާމިޔާބު ކުރި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ތަށި ހަވާލު ކުރުމުގެ ކުރިން، ޤަތަރުގެ އަމީރު ވަނީ، މެސީގެ ކޮނޑުގައި ކަޅު، ތުނި ފޮތިގަނޑެއް އަޅުއްވައިފައެވެ.

"ބިޝްތު"ގެ ނަމުން ނަން ދެވިފައިވާ މި ފޮތިގަނޑަކީ ވަރަށް މަތީ ޝަރަފެއް ހާސިލު ކުރުމުން، އެ ފަރާތަކަށް ކުރާ އިޙްތިރާމް ހާމަކޮށްދިނުމަށް ޤަތަރުގައި ކުރަމުން އަންނަ، އެ ޤައުމުގެ ޘަޤާފަތާ ގުޅިފައިވާ ކަމެކެވެ.

 

މެސީގެ ކޮނޑުގައި އެޅުވި ފޮތިގަނޑަށް ހުޅަނގުން ވަނީ ހަޖޫ ޖަހައިފައި---

ނަމަވެސް ވޯލްޑްކަޕް ފެށުނީއްސުރެ، ޤަތަރަށް ފާޑު ކިޔަމުން ދިޔަ ހުޅަނގުގެ މީޑިއާތަކުން މިކަމަށްވެސް ހަޖޫ ޖަހައި، "ބިޝްތު"ގެ ސަބަބުން މެސީގެ ރީތި ޖާޒީ ރީއްޗަށް ނުފެނި، މުޅި މަންޒަރު ހަޑިކޮށްލި ކަމަށް ބުންޏެވެ.

މިކަމަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ ބިޝްތު ހަދިޔާކޮށް، މީހުންނަށް ލައްވައި ދިނުމަކީ ވަރަށް މަތީ ލޯތްބާއި، އިޙްތިރާމާ ޤަދަރު އެމީހަކަށް އޮތްކަން އަންގައިދޭ ކަމެއް ކަމުގައެެވެ.

"އެއީ ވަރަށް ޚާއްސަ ހާލަތުގައި ކުރާ ކަމެއް. ހުޅަނގުގެ ބައެއް މީޑިއާތަކުން ޤަތަރަށް ޖޯކު ޖަހަނީ އެމީހުންނަށް އެކަން ނޭނގޭތީ."

ހުޅަނގުގެ ފާޑުކިޔުން ޤަތަރަށް އަމާޒުވިނަމަވެސް، މިފަހަރުގެ ވޯލްޑްކަޕްގެ ހުރިހައި ކަމެއްވެސް ވަރަށް ފުރިހަމަ ކަމަށް ބުނެ، ގިނަ ބަޔަކު ދަނީ ޤަތަރަށް ތައުރީފު ކުރަމުންނެވެ. ހުޅަނގުން ޤަތަރާ "ޖައްސާލައިގެން އުޅެނީ" އިސްލާމީ ޤައުމަކަށް ވުމުން، ދީނާ މެދުގައި އޮންނަ ނަފްރަތެއްގެ ބޮޑުކަމުން ކަމަށްވެސް ގިނަ ބަޔަކު މީސްމީޑިިއާގައި ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!