އަންނަ ޖަނަވަރީ 28 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ މުސްތަގިއްލުކަން ނަގާލައިފިކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ގިނަ ޢަދަދެއްގެ މެންބަރުންނާއެކު ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރޭ ސޯލްޓް ކެފޭގައި ބޭއްވެވި ބައްދަލުވުމާ ގުޅިގެން ވައްޑެ ކުރެއްވި ޓުވީޓެއްގައި ވަނީ އެމްޑީޕީ އިންތިޚާބު ކޮމިޓީގެ މެމްބަރުންނަށް ވެސް އަންގަވައި އަމުރުކުރައްވައިގެން ކެމްޕޭނު ބައްދަލުވުމަށް ނެރުނީތޯ ސުވާލުކުރައްވައިފައެވެ.
އެ ޓުވީޓަށް ރައްދުދެއްވަމުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ އިންތިޚާބުގެ ކަންތައް ބައްލަވާނީ އެކަމަށް ޤައުމީ މަޖިލީހުން ނަގާ ވަކި ކޮމިޓީއަކުންކަން ވައްޑެއަށް އެނގިވަޑައިނުގަންނަވަނީތޯ ސުވާލު ކުރައްވައިފައެވެ.
އިބްރޭ މި ބޭފުޅާއަށް [ވައްޑެ] އަށް މިކަން އަންގައިލަ ދެއްވުން އެދެން. އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ރަޝީދު (އިބުރޭ) އަށް ޓެގްކުރައްވައި ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާގެ ވާހަކަތަކާ ގުޅިގެން ކުލަބު ހައުސްގެ ޕްރޮގްރާމެއްގައި ރޭ ދެއްކެވި ވާހަކައިގައި ވައްޑެ ވިދާޅުވީ ޕްރައިމަރީ އިއުލާނުކުރުމާއި ޓައިމްލައިނެއް ކަނޑައެޅުމަކީ ވެސް އިންތިޚާބުގެ ބައެއް ކަމަށެވެ.
އަޅުގަނޑު ދަންނަވާނީ ކެމްޕޭނުގެ ބައެކޭ އިންތިޚާބެއް އިއުލާނުކުރުން ވެސް. ތާރީޚެއް ކަނޑައެޅުން ވެސް ޓައިމުލައިން ކަނޑައެޅުން ވެސް. އެކަން އެކުރަނީ ޕާޓީގެ އިންތިޚާބާބެހޭ ކޮމިޓީން. އެހެންވީމަ އެ އޮތީ އިންތިޚާބާބެހޭ ކަންކަން ބެލެހެއްޓެން ފެށިފަ އިންތިޚާބާބެހޭ ކޮމިޓީއަށް.
ވައްޑެ ވިދާޅުވި ގޮތުގައި އިންތިޚާބުގެ މުސްތަގިއްލުކަން ވަނީ ނަގައިލާފައެވެ.
ޤައުމީ މަޖިލީހުގެ 100 އެއްހައި މެންބަރުންނާއެކު ރައީސް ޞާލިޙް ބޭއްވެވި ބައްދަލުވުމާ ގުޅިގެން ވައްޑެ އިތުރަށް ވިދާޅުވީ އެ ތަނަށް ހާޒިރުވެވަޑައިގެން ތިއްބެވީ ދަރައި ވިކިފައި ތިއްބެވި ބޭފުޅުންނާއި ސަރުކާރުގެ ވަޒީފާތަކުގައި ތިއްބެވި ބޭފުޅުންނާއި ސަރުކާރުން ކޮންމެވެސް ކަހަލަ މަންފާތަކެއް ލިބިވަޑައިގަންނަވާ ނުވަތަ ލިބިވަޑައިގަންނަވާނެކަމުގެ އުންމީދުގައި ތިއްބެވި ބޭފުޅުން ކަމަށެވެ.
އެ ފެންނަ ފޮޓޯއަކީ އޭގެ އެއްވެސް ބުރަދަނެއް ހުރި ފޮޓޯއެއް ނޫން. ޢަލީ އާޒިމް ވިދާޅުވާހެން ތިން ސަބަބަކަށްޓަކައި ފިތިގެން ތިބި މީހުންނާ އަދި ތިމާ އަދާކުރަން ހުރި މަގާމު ސަލާމަތް ކުރުމަށްޓަކައި ނުވަތަ ތިމާގެ ގާބިލުކަމާއި ތިމާއާ އެކަށީގެންނުވާވަރުގެ މަޤާމެއް ދެއްވާފައި ހުރީތީވެ އެކަމުގެ އަޖަލުގައި ތިބި މީސްކޮޅެއް ފެންނަން އެ ތިބީ. އަޅުގަނޑުމެންނަކަށް ނުފެނޭ ސަރުކާރުގެ މަޤާމެއް ނެތް ސަރުކާރުގެ އެހެނިހެން ގޮތްގޮތުން ވެސް މަންފާއެއް ނުލިބޭ ނުފޫޒުހުރި ނުވަތަ ޢާންމުންގެތެރެއިން ބަޔަކު.
ސޯލްޓް ކެފޭގައި ބޭއްވެވި ބައްދަލުވުމަކީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ކުރިއަށް ގެންދާނެ ގޮތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ކުރިއަށްގެންދެވި ބައްދަލުވުމެކެވެ. ޢާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުން ރައީސް ޞާލިޙަށް މީގެކުރިން ވަރަށް ބޮޑަށް ފާޑުވިދާޅުވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމް ވެސް ހާޒިރުވެވަޑައިގެން އިންނެވިއެވެ.
ޕްރައިމަރީގެ މުސްތަގިއްލުކަން ނަގާލައިފައިވާކަމަށް ވައްޑެ ވިދާޅުވިއިރު އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ސާޅީސް ހާހާ ގާތަށް މެންބަރުން ކުއްލިއަކަށް އުނިކޮށް ދަފްތަރު ގަޑުބަޑުކޮށްފައިވާ ކަމަށާއި އެހެންކަމުން ޕްރައިމަރީއަކީ މިނިވަން އަދި އިންސާފުވެރި އިންތިޚާބަކަށް ވާނެކަމަށް ގަބޫލުނުކުރައްވާ ކަމުގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ނަޝީދު އެހެން ވިދާޅުވުމުން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމްޑީޕީގެ މެންބަރުންގެ ދަފްތަރަކީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުމާ އެއްގޮތްވާ ގޮތުގެ މަތިން ސައްހަކުރެވި ބަލަހައްޓަމުންދާ ދަފްތަރެއް ކަމަށެވެ.