ޚަބަރު ސިޔާސީ

އެމްޑީޕީގެ އިންތިޚާބުތަކަކީ ރައްޔިތުންގެ އިތުބާރު އޮންނަ އިންތިޚާބުތަކަކަށް ހަދަންޖެހޭ: އިންތި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެމްޑީޕީން ބާއްވާ އިންތިޚާބުތަކަކީ ރައްޔިތުންގެ އިތުބާރު އޮންނަ އިންތިޚާބުތަކަކަށް ހަދަން މަސައްކަތް ކުރަންޖެހޭކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

Ads by STELCO

އިންތި މިހެން ވިދާޅުވީ އެމްޑީޕީގެ ވޯޓުލާ ދަފްތަރުން ކުއްލިއަކަށް ގިނަ ޢަދަދެއްގެ މެންބަރުން ވަކިކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައެވެ.

އެމްޑީޕީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީން ބަލަހައްޓަމުންދިޔަ ދަފްތަރު އޮތީ އެހެން ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނާއި އެ ޕާޓީތަކުގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ވާދަކުރުމަށާއި ވޯޓު ގަޑުބަޑުކޮށްލުމުގެ ފުރުސަތު ލިބިގެންދާ ގޮތަށް ކަމަށެވެ. އެ ގޮތަށް އޮތުމަކީ ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް ހުރަހަކަށް ވާނެތީ އެމްޑީޕީގެ އަސާސީ ގަވާއިދާއި ގައުމީ މަޖިލީހުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ޕާޓީގެ ދަފްތަރު ސައްހަކުރަން ނިންމުމަކީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނިންމުމެއް ކަމަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް މި އަހަރުގެ މެއިމަހުގެ 29 ގައި ހުށަހެޅި ފާސްކުރެވުނު ގަރާރުގައި މި ވަގުތު އެމްޑީޕީން ބަލަހައްޓަމުން ގެންދާ ދަފްތަރުގައި ހިމެނޭ އިލެކްޝަންސް ކޮމިޝަންގެ އެމްޑީޕީގެ ރަސްމީ ދަފްތަރުގައި ހިމެނޭ 54,599 މެމްބަރުންނަކީ އެމްޑީޕީގެ ރަސްމީ ދަފްތަރުކަމަށް ބަލައި, ދެން ތިބި 39,911 މީހުންނަށް އެމްޑީޕީގެ މެމްބަރުކަން ސައްހަކުރުމަށް ތިން މަސް ދިނުމަށެވެ. އަދި އޭގެތެރެއިން އިލެކްޝަންސް ކޮމިޝަންގައި އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހުން އެމްޑީޕީ ވަކިކުރުމަށާއި, އެމްޑީޕީގެ އެއްވެސް މަގާމެއްގައި ހުރި މެމްބަރަކު ނަމަ އެއްމަސް ދުވަސްތެރޭގައި މެމްބަރޝިޕް ސައްހަ ކުރުމަށެވެ.

ކުލަބު ހައުސްގައި ރޭ ކުރިއަށްދިޔަ ޕްރޮގްރާމެއްގައި އިންތި ވަނީ އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވައިފައެވެ.

އެމްޑީޕީގެ މެންބަރުންގެ ދަފްތަރު ސާފުކުރުމަކީ ޗެއާޕާސަން އިންތިޚާބުގައި އޭނާ ވެސް ވެވަޑައިގެންނެވި ވަޢުދެއްކަން ފާހަގަކުރައްވައި އިންތި ވިދާޅުވީ ދަފްތަރު ސާފުކުރުން މާނަކުރައްވަނީ އެއްފަހަރާ ގަނޑުކޮށް ޕާޓީގެ %40 މެންބަރުން ''ކަނޑައިލާ އެއްލާލުމަކަށް ނޫން'' ކަމުގައެވެ.

އިންތި ވިދާޅުވި ގޮތުގައި އެކަމެއް ކުރުމަށް ޤައުމީ މަޖިލިސް ވެސް ބޭއްވި މީޑިއާތަކަށް ސިއްރުން ފިލައިގެން ތިބެއެވެ. އަދި އެ ބޭފުޅުންގެ ޓާގެޓަކީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއީދުކޮށް ވޯޓުދޭނެހެން ހީވާ މެންބަރުން ޕާޓީން ކަނޑައިލާ އެއްލައިލުމެވެ.

....ޓާގެޓްކޮށްފައި މިހާރު މިހެދި އެއްޗަކީ 37,000 ކަނޑާލާ ގޮތަށް ވަކި މުއްދަތެއް ދީފަ ދެ މަސް ދުވަހުގެ ތެރޭގައި އަލުން އަނބުރާ ޕާޓީއަށް ނުވަދެއްޖެއްޔާ އެ މީހުން ވަކިވެގެންދާ ގޮތަށް ގަރާރެއް ފާސްކުރީ. އެނގިވަޑައިގަންނަވާނެ ދެން މި ބޭފުޅުން ދައްކަވާ ޖަސްޓިފިކޭޝަނަކީ ދެ މަހެއްހައި ދުވަސްދިނީމޭ އަލުން ވަންނަން. އަލުން ވަންނަން ދެ މަސްދުވަސްދިނީމަ މީ ކުޑަކަމެއްތޯ. މީ ކުޑަ ތަކުލީފެއްތޯ މި ޖެއްސީ. މީ އަލުން ސިޔާސީ ޕާޓީއެއް ހެދުމަށްވުރެ ބުރަ މަސައްކަތެއް.

އިންތި ވިދާޅުވީ އެއީ އެމްޑީޕީގެ މަސްލަހަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެމްޑީޕީއަކީ ވަރަށް ބޮޑަށް ދެފުށް ފެންނަ އިންތިޚާބުތައް ބޭއްވުމަށް މަސައްކަތް ކުރި ޕާޓީއެއް ކަމަށާއި އެހެންކަމުން އެމްޑީޕީން އިންތިޚާބެއް ބާއްވާނަމަ އެ އިންތިޚާބަކީ ރައްޔިތުންގެ އިތުބާރު އޮންނަ އިންތިޚާބަކަށް ހަދަން މަސައްކަތްކުރަންޖެހޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.

މި މަޢުޟޫއުގައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްޑީޕީ މޮޅުވާނީ އެމްޑީޕީގެ އިތުބާރު ރައްޔިތުންގެ ކުރިމަތީ ހިފެހެއްޓިގެން ކަމުގައެވެ. އަދި އެ އިތުބާރު ހިފެހެއްޓޭނީ އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒުކޮށްގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!