ޚަބަރު ސަރުކާރު

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް: ރައީސް ޞާލިޙް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޖަޕާނަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޖަޕާނުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ތަކެއި ޝުންސުކެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު ވަނީ އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނުގެ ސްޓޭޓް މިނިސްޓަރ ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ، ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝީދާއަށް ހެޔޮއެދުންތައް ފޮނުއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ރާއްޖެއާއި ޖަޕާނުގެ ދެމެދުގައިވާ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި މި އަހަރު މީ ދެ ޤައުމުގެ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަން ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުން ޝައުގުވެރިވާ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން އިޖްތިމާޢީ-އިޤްތިޞާދީ ދާއިރާއިންނާއި، ޞަރަޙައްދީ ސަލާމާތާއި ގުޅޭގޮތުންނާއި، ދޭދޭ ރައްޔިތުންގެ ދެމެދުގައި ގުޅުންބަދަހިކުރުމާއި، ކާރިސާތަކުން ރައްކާތެރިވުމާއި، ކުނި މެނޭޖްކުރުމާއި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައި ވަނީ ކުރިމަގުގައި ވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ކަންކަމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޔަޤީންކަން ދެއްވަމުންނެވެ. ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1967 ވަނަ އަހަރުގައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!